ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ ގުޅިގެން މި ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް އެކްސް ސްޕޭސަސް ލައިވް އިވެންޓެއް ބާއްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ރޭ ބޭއްވި މި އިވެންޓަކީ މި އާ ގާނޫނުގެ މުހިންމު ބައިތަކާއި، ގާނޫނު ތަންފީޒުކުރުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެކެވެ.
މި އިވެންޓުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު މުޙައްމަދާއި އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސާމީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަދުހަމް ބައިވެރިވެލެއްވިއެވެ.
މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ ވިދާޅުވީ، 2024 އިން 2028 އަށް އެކުލަވައިލާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭންގައި އިސްކަމެއް ދީފައިވާ އެއްކަމަކީ، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކުން ކުރާ ކުށްތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުން ކަމަށެވެ. އެގޮތުން "ގޭންގު ކްރައިމް އެންފޯސްމަންޓް" ގެ ނަމުގައި ވިންގެއް އުފައްދައި، އޮޕަރޭޝަނަލް އަދި ތަހުގީގީ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މި އާ ގާނޫނަކީ މި މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ވަރަށް ބޮޑު ބާރެއް ކަމަށް ވެސް ވިދާޅުވިއެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަދުހަމް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކާއި، ހާއްސަކޮށް ޕީޖީ އޮފީހުގެ މަޝްވަރާތަކާ އެކު ފުލުހުންގެ ތެރޭގައި މި ގާނޫނާ ގުޅިގެން ގަވާއިދުތަކެއް ހަދާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފޯމުތައް ތައްޔާރުކޮށް ސިސްޓަމަށް އަޅައި ގާތްގަނޑަކަށް ނިމިފައިވާކަން ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މުޅި ގާނޫނު ފަރުމާކުރެވިފައިވަނީ އާންމުންގެ ހައްގުތައް، ހާއްސަކޮށް އަސާސީ ހައްގުތައް ރައްކާތެރިކުރެވޭ ގޮތަށް ކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ގާނޫނުގެ ދަށުން، ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް މުޅިން އާ އިޖުރާއަތްތަކެއް އަދި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް، ހާއްސަކޮށް ފުލުހުންނަށް ވަކި ހާއްސަ ހާލަތްތަކެއްގައި ބާރުތައް ދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ގާނޫނާ ގުޅުންހުރި ގިނަ މައުލޫމާތު ތަކެއް ހިއްސާކުރުމާއެކު ދެގަޑި އެއްހާއިރަށް ކުރިއަށް ގެންދިޔަ މި އިވެންޓުގައި އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު، އާންމުން ކުރި ގިނަ ސުވާލުތަކަށް ވަނީ ތަފްސީލީ ޖަވާބު ދީފައެވެ.
މި ލިޔުން ކިޔާލުމުން