ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި، ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވިފައިވާކަމަށް ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް (އިންޒެކް 2025) ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ ސަބަބުން ފާއިތުވެދިޔަ އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ލިބިގެންދިޔައީ ފާއިތުވެދިޔަ އަހަރުގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާާޅުވީ، ޒަކާތު ހައުސްއަށް ކުރިއެރުންތަކާއި ކާމިޔާބިތައް ޚާސިލްކުރެވިފައިވަނީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާތީ ކަމަށާއި، މިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަން ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތު ބިލަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަކާތުގެ ބިލް ފަރުމާކުރެވިފައިވަނީ ދުނިޔޭގެ އެންމެ ފަހުގެ ޢިލްމީ ތަޖުރިބާތަކުގެ މައްޗަށް ކަމަށާއި، މި ބިލް ޤާނޫނަކަށް ވެގެންދާއިރު ޒަކާތުގެ ޤާނޫނަކީ ވަރަށް ފުރިހަމަ އަދި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ޤާނޫނަކަށް ވެގެންދާނެ ކަމަށެވެ.
އަދި އަމާޒަކީ މި ޤާނޫނާއެކު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ ޒަކާތުގެ އިދާރާއަށް ހެދުންކަމަށާއި ޒަކާތު ހައުސްއަށް ހާއްސަ ވަކި އޮފީހެއް ޤާއިމްކޮށް މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަށްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ފާއިތުވެދިޔަ އަހަރު ބޭއްވުނު ޒަކާތު ކޮންފަރެންސްގައި ފަންނީ ބޭފުޅުންގެ ފަރާތުން ހުށައެޅުނު މުހިންމު ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޒަކާތު ހައުސްގެ ފަރާތުން ކުރިއަށް ގެންދާކަމަަށާއި މިއަދު ކުރިއަށްދާ ޒަކާތު ކޮންފަރެންސްގެ ތެރެއިންވެސް މުހިންމު ފަންނީ ލަފާތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ މުވައްޒަފުންގެ މަސައްކަތާމެދު ފަޚުރުވެރިވެލައްވާކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން