ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް ސިޓީތަކާއި އަތޮޅުތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 110 (ސަތޭކަ ދިހަ) ޓްރެއިނަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ.
އީސީން ހާމަކޮށްފައިވާ ގޮތުގައި އަތޮޅު ތެރޭގައި އޮފިޝަން ތަމްރީންކުރުން އަންނަ ޖަނަވަރީ މަހުގެ 10 އިން 26 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލޭގައި އޮފިޝަލުންގެ ތަމްރީންތައް ކުރިއަށްދާނީ ޖަނަވަރީ 10 އިން މާރިޗު 8 އަށެވެ.
އީސީން ބުނީ އޮފިޝަލުން ތަމްރީނުކުރުމުގައި މާލޭގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 800ރ. އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1،000ރ. ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިންގ ދީ ނިމުމުން 1،400ރ. ދެވޭނެ ކަމަށްވެސް އީސީން ބުންޏެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުން ނުވަތަ ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި ޓްރެއިނަރަކަށް އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެ އިތުރުން އެ މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ އެހެނިހެން ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާ 55 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުމާއި، މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން އަދި ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ޓްރެއިނަރުންގެ އެޕްލިކޭޝާން ފުރިހަމަކުރުމަށް ލިޔެކިޔުންތަކާއެކު އެ ކޮމިޝަންގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
އީސީން ބުނީ ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުނގަންނާ ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން