މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނީ މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލައި ރައްކާތެރިވެ، އެފަދަ ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތައްކަށް ތައްޔާރުވުމަށް އިންޒާރުދޭ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ފެށި މަސައްކަތެއް ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގައި އެ ވުޒާރާއިން ކުރިއަށްގެންދާ ޑީމެޑް ޕްރޮޖެކްޓުން ކަމަށެވެ.
ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ.
މި ރަސްމިއްޔާތުގައި ޑރ. ކިނާނަތުގެ އިތުރުން، ފުވައްމުލައް ސިޓީގެ މޭޔަރ، އިސްމާއީލް ރަފީޤް، އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހައްސާން މުޙައްމަދު އަދި ވޯލްޑް ބޭންކްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ އިކޮނޮމިސްޓް އެންޑް ރެޒިޓެންޓް ކޯޑިނޭޓަރ އަރޑެމް އަޓާޝް ވަނީ ރަސްމިއްޔާތުގެ ބައިވެރިންނާއި މުޚާޠަބުކޮށް ވާހަކަދައްކަވާފައެވެ.
އަދި ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ފަރާތުން ޕްރޮފެސަރ ޓެރެންސް ފެނާންޑޯ ވަނީ، މި ސިސްޓަމްގައި މިހާރު ޤާއިމްކުރެވިފައިވާ ފީޗަރސްތަކުގެ ޕްރެސެންޓޭޝަނެއްވެސް ދެއްވައިފައެވެ.
މި ޕައިލެޓް ޕްރޮޖެކްޓްގެ ތެރެއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކްލެބް އިން ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ، "މޮބިލައިޒް" ޕްލެޓްފޯމްގައި ފުވައްމުލަކު ސިޓީގެ ޚާއްސަ ޖިއޯގަރަފިކް ސިފަތައް ހިމަނައި، ސެޓެލައިޓް މެދުވެރިކޮށް އަދި، މެޓް އޮފީހާއި އެހެނިހެން ގޮތުން ޤާއިމްކޮށްފައިވާ އައިއޯޓީ ޑިވައިސްތަކުން ލިބޭ މޫސުމީ ޑޭޓާއަށް ބިނާކޮށް އެ ސިޓީއަށް ލިބިދާނެ ގެއްލުން އަންދާޒާ ކުރެވޭނެއެވެ.
މި ނިޒާމު މެދުވެރިކޮށް ސިޓީ ކައުންސިލާއި މެޓް އޮފީހާއި ގުޅިގެން އިންޒާރުގެ މެސެޖްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިޓީގެ ކަމާއިބެހޭ އިދާރާތަކަށް މަގުފަހިވެގެންދާނެއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު މި އިފްތިތާހު ކުރީ މި ޕައިލެޓް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގެ ދަށުން ކާރިޘާގެ ރިސްކް، ވަގުތުން އަންދާޒާކުރެވި، ރަށު ފެންވަރުގައި ގުދުރަތީ ކާރިޘާއެއްގެ ސަބަބުން ނާޒުކު ހާލަތަކަށް ވެއްޓިދާނެ ފަރާތްތައް ފާހަގަކޮށް، އެފަދަ ކާރިޡާތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ޕްރޮޓޮކޯލްއެއް އެކުލެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަދި ޖުމްލަ 2 ފިޔަވަހި ހިމެނޭ މި ޕައިލެޓް ޕްރޮޖެކްޓް ނިމޭއިރު ފުވައްމުލަކު ސިޓީ ކައުންސިލްގައި ލިވިންގ ލެބް އެއްޤާއިމް ކުރެވިގެންދާނެ ކަމަށާއި، ޕައިލެޓް ޕްރޮޖެކްޓް ނިމިނުކަމުގައިވިޔަސް، 3 އަހަރުގެ މުއްދަތަށް ސިސްޓަމްގެ ސަޕޯޓް ޔުނިވަރސިޓީ އޮފް ސެލްފޯޑްއިން ފޯރުކޮށްދޭ ގޮތަށް ޑީމެޑް ޕްރޮޖެކްޓާއެކު އެއްބަސްވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން