ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް މަޝްރޫޢުގެ ދަށުން އއ. ތޮއްޑޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިއީ ފަރުނީޗަރާއި ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ހިންގާ “ޓާރންކީ” މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢަކީ 11 މަސްދުވަހުގެތެރޭގައި ނިންމާގޮތަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) ސޮއިކުރީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން އެއް އަހަރުގެ ތެރޭގައި 55 ކައުންސިލް ނިންމާނެ ކަމަށާއި، މި މަޝްރޫޢުގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް މީގެ ކުރިން ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން، 38 މިލިއަން ޑޮލަރަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ އެހެން ބަޔަކު ހޯދަން ނިންމީއެވެ.
މި މަޝްރޫޢާއެކު އިތުރު 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި 50 ކައުންސިލް އިމާރާތުގެ ފީސިބިލިޓީ ހެދުމަށް ވާންޖެހޭ ތައްޔާރީތައް މި މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.
މި ލިޔުން ކިޔާލުމުން