އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުންފެށެންވާއިރަށް އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސްކޫލްގެ ކްލާސްރޫމް އިތުރުކުރުމަށް ހަދަމުންދާ ޢިމާރާތް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ހިމަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި، ކިޔެވުންފެށުމަށް ވާންޖެހޭ ހުރިހާތައްޔާރީތައް ފުރިހަމަކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރަށް އިމާތާރުގެ ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން ހިމަންދޫ ޞިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބޭނުންކުރަން މިއަދު ފެށިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ތަނުގައި ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަސައްކަތްކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާ، އެމަސައްކަތާއި އެކީ ބަނދަރުގެ ނެރުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރުތެރޭގައި މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް ކޯޓްއެޅުމުގެ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅު ދައްވަކަމުން، އެމަނިކުފާނު ވަނީ، މިއަހަރު ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައި، އަންހެނުންނަށް ޚާއްޞަކޮށް އިންޑޯ ޖިމެއް އަޅައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.
އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން