ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގާ ތަމްރީނެކެވެ. މި ތަމްރީނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެއެވެ. މިގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މިޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ އަދި އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާގުޅޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، 27 އޮގަސްޓް 2025 ގެކުރިން މިމިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން