ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމާއި އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ޤައުމީ އެކްޝަން ޕްލޭން (2024-2028) (އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީ) ގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމާއި ދައުލަތުގެ އެކި މުއައްސަސާތަކާއި، ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގެން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.
އެގޮތުން، މި މަޝްވަރާތަކުގައި، ގިނަ ދާއިރާތަކެއް ހިމެނޭ ގޮތަށް ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން، ދިވެހިރާއްޖޭގައި ކުޑަކުދިން ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ، މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެން.އޭ.ޕީ-ޕީ.އާރް.ވީ.އޭ.ސީ (2024-2028)ގެ ތަންފީޒީ މަރުޙަލާގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ވަސީލަތްތަކުގެ ދަތިކަމާއި، އެކި އިދާރާތަކުގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރުމުގެ ގޮންޖެހުންތަކާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ ދަތިތައް ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމާއި އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ޤައުމީ އެކްޝަން ޕްލޭން (އެން.އޭ.ޕީ-ޕީ.އާރު.ވީ.އޭ.ސީ) ތަޢާރަފުކުރެވުނީ 2017 ގައެވެ.
ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (އެންއޭޕީ-ޕީއާރްވީއޭސީ) ގެ ތަސައްވުރަކީ، ކޮންމެ ކުއްޖަކުވެސް ރައްކާތެރި މާޙައުލެއްގައި، ހުރިހާ ބާވަތެއްގެ އަނިޔާއިން އެއްކިބާވެ، ފުރިހަމަ ރައްކާތެރިކަމާއި، ހިމާޔަތާއި އަދި އިޖާބަދޭ ނިޒާމުތަކުގެ އެހީގައި ބޮޑުވަމުންދާނެ ޤައުމެއް ބިނާކުރުމެވެ.
އެންއޭޕީ-ޕީއާރްވީއޭސީގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އަވަހަށް އިޖާބަދިނުމުގެ ތެރެއިން މިފަދަ ޢަމަލުތައް މަދުކުރުމާއި، ގައުމީ، ސަރަޙައްދީ އަދި ރަށު ފެންވަރުގައި ގިނަ ދާއިރާތަކެއް ގުޅިގެން ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ރައްކާތެރި ގެދޮރާއި، ސްކޫލްތަކާއި، މުޖުތަމަޢުތަކާއި އަދި އޮންލައިން މާޙައުލުތައް އުފެއްދުމުގެ އިތުރުން އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދީ، އަލުން މުޖުތަމަޢަށް ރިހެބިލިޓޭޓްކޮށްދީ، ދިގުދެމިގެންދާ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ.
މި ލިޔުން ކިޔާލުމުން