އިސްލާމް ދީން ގޮވާލަނީ މީހުންގެ އައިބުތައް ވަންހަނާކުރުމަށް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "އަބުރު ޙިމާޔަތްކުރުން"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މިއަދުގެ ހާލަތަށް އަހަރެމެން ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއް ކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި، ﷲ ވަނީ އިންސާނާ އެންމެހައި މަޚުލޫޤުންގެ މައްޗަށް މާތްކުރައްވައި ޤަދަރު އުފުއްލަވައި ޙުރުމަތްތެރި ބަޔަކު ކަމުގައި ލައްވާފައި ކަމަށެވެ.
މީގެ އިތުރުން، އިންސާނާގެ އަބުރުގެ ހުރުމަތްތެރިކަން ގުޅުވާލައްވާފައިވަނީ ލެޔާއި މުދަލަށް ކަމަށާއި، އެހެނީ ޙައްޤަކާ ނުލައި މީހަކު މަރާލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީވެސް ހަރާމްކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މުއުމިނަކާ ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫޢަނުވެ ހުރެ މަރުވެއްޖެނަމަ، މާތްﷲ އެ މީހަކު ނަރަކައިގެ އަހުލުވެރިންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާނެ ކަމުގައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މިއަދުގެ މުޖުއަމަޢަކީ ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖުތަމަޢެއް ކަމަށާއި، ފޭސްބުކް، ޓްވިޓާ، ވައިބަރ، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ މީސްމީޑިއާގެ ވަސީލަތްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާ ވަރަށް ވުރެ ހަލުވިކަމާއެކު މަޢުލޫމާތު ފަތުރައިދޭ މަންސަތެއް ކަމަށާއި، ދޮގެއް ވިޔަސް، ތެދެއް ވިޔަސް، އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް ޝެއަރކުރުމާއި، ހިތްވަރުދީ ލައިކުދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ވާހަކަތައް ފެތުރޭ ކަމަށެވެ.
އަދި، މީހަކު އެހެން މީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަނދާން ނެއްތޭލެއް ވަރަށް އަވަސްވާނެ ކަމަށާއި، ނަމަވެސް މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނަ އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނޭ އެއްޗެއް ކަމަށާއި، އެއީ މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް ޣީބަ ބުނުން ކަމުގައިވާނަމަ، އެ އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން