ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ އަޑު އަހައި، ދޭސީ މުޖުތަމަޢުން ފެށިގެން، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާއި، އަދި އެނޫންވެސް ހުރިހާ މަރުޙަލާއެއްގައި، ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
On #InternationalYouthDay, I call for a whole-of-society approach that empowers young people to have their voices heard and their actions integrated in decision-making in every sphere – in their immediate communities, local governments and on global platforms towards our shared… pic.twitter.com/InuQYuZ660
— Dr Mohamed Muizzu (@MMuizzu) August 12, 2025
މިގޮތުން ރައީސް ވަނީ ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި، ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް، ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިއަދުގެ ޒުވާނުންގެ އަޑުތައް ގަދަވެ، އެކި ސަރަޙައްދުތަކާއި ރަށްރަށުގައި، އެންމެން ޝާމިލުވާ، ނަތީޖާ ހާސިލުވާފަދަ މަޝްވަރާތަކަށް މަގުފަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އުމުރަކީ ތަފާތެއް ދެއްކުމަށް އޮތް ހުރަހެއް ނޫންކަން ދިވެހި ޒުވާނުން ސާބިތުކޮށްދެމުން އަންނަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 2030 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ 57 އިންސައްތައަކީ ޒުވާނުން ކަމަށް އަންދާޒާކޮށްފައިވާއިރު، ނިންމުންތައް ނިންމުމުގެ ދައުރު އަދާކުރުމުގެ ބާރު ޒުވާނުންނަށް ދިނުމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑު ވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ސިޔާސަތުތައް، ފުޅާ ދާއިރާއެއްގައި ތަރައްޤީގެ ޕްލޭންތަކާ ގުޅާލުމާއި، ޕާޓްނަރޝިޕްތައް ބިނާކޮށް، ޚިޔާލުތައް ޙައްލުތަކަށް ބަދަލުކޮށް، ޤައުމީ ކުރިއެރުން ބައްޓަންކުރުމުގައި ޒުވާނުންނަށް ސީދާ ދައުރެއް ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މައްޗަށްވެސް ރައީސްގެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން، ހުނަރު ތަރައްގީކުރުމާއި މަޝްވަރާކުރުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ "ޒުވާނުންގެ ތަރޑް ސްޕޭސް" އަކީ ޒުވާނުންގެ ދުޅަހެޔޮކަމާއި ޝާމިލު ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކޮށް، ޒުވާން ޢާއިލާތަކަށް ބޯހިޔާވަހިކަމުގައި އިސްކަންދީ، ޒުވާނުންގެ ޚިޔާލުތައް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ތަނަވަސް މުސްތަޤްބަލަކަށް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައިދެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ޒުވާނުންނަކީ، ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަނެ، ތަރައްޤީގެ ރޮނގުން ކުރާ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، އެޒުވާނުންނަށް މަންފާތައް ލިބޭ އެންމެން ޝާމިލުވާ ފަދަ މާޙައުލެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން