ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިއަށް ގެންދިއުމާ ގުޅިގެން ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް ޢިމާރާތްކުރުމާގުޅޭގޮތުން 15 ފެބްރުވަރީ 2024 ގައި މި އެޖެންސީއަށް ހުށަހަޅުއްވި އަދި 17 މާރިޗު 2024 ގައި އިތުރު މައުލޫމާތު ހުށަހަޅުއްވާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި އެ މަޝްރޫޢުގެ މަސައްކަތްތައް އެ އެޖެންސީގެ ހުއްދަ ނެތި ކުރިޔަށް ގެންގޮސްފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެކަން އިތުރަށް ސާފުކުރުމުގެ ގޮތުން އެ ކަންހިނގައި ދިޔަގޮތުގެ ރިޕޯޓެއް މި އެޖެންސީއަށް ހުށަހެޅުމަށް އެދިފައިވުމުން، އެ ފަރާތުން ވަނީ ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތް އީޕީއޭގެ ހުއްދަ ނެތި ކުރިޔަށް ގެންގޮސްފައިވާ ކަމަށް ބަޔާންކޮށް އެކަމަށް އިޢުތިރާފުވެފައި ކަމަށްވެސް އެ އޭޖެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ގަބޫލުކުރިކަމުގެ ލިޔުން ނުވަތަ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި، ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް ޢިމާރާތްކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާތީ، އެ މަޝްރޫޢުގެ ވެރިފަރާތް ކަމުގައިވާ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން 10 އޮގަސްޓް 2025 ގައި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އަދި، މި ޖޫރިމަނާގެ ޖުމްލަ ޢަދަދަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާނެ ކަމަށްވެސް އީޕީއޭ އިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން