ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ޚިދުމަތް ޒޯން 2 ގެ ބ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފާއިން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށިގެން ދިއުމާއެކު، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ދައުރުގައި މިހާތަނަށް ޒޯން 2 ގެ ތިން އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް މިވަނީ ފެށިފައެވެ. ޒޯން 2 ގެ ނ. އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު އާރުޓީއެލް ބްރޭންޑްގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ލިބޭނެއެވެ.
މީގެ އިތުރުން ޒޯން 2 ގެ ރ. އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު ދެ ސްޕީޑް ފެރީ މެދުވެރިކޮށް ހަ ރޫޓަކުން ލިބޭނެ ކަމަށާއި، ޒޯން 2 ގެ ބ. އަތޮޅުގެ އާރުޓީއެލް ފެރީގެ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު އާރުޓީއެލް ބްރޭންޑްގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީ ޚިދުމަތް ފެށިގެން ދިއުމާއެކު، މި އަތޮޅުތަކުގެ ރައްޔިތުންނަށް އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންތިޤާލީ އާ ބާބެއް ފެށިފައިވާ ކަމަށެވެ.
އާރުޓީއެލް ފެރިތަކަކީ ޖުމުލަ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އަދި އާރުޓީއެލް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ޚާއްޞަ ތަމްރީންތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. މި އުޅަނދުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ވީލްޗެއަރގެ ޖާގައާއި ސްޓްރެޗާ ޖާގަވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ބ. އަތޮޅުގެ އިތުރުންވެސް އެމްޓީސީސީން އަންނަނީ ޒޯން 1 ގެ ހއ.، ހދ. އަދި ށ. އަތޮޅާއި، ޒޯން 2 ގެ ނ.، ރ.، އަދި ޅ. ގެ އިތުރުން ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ދެމުންނެވެ.
މި ލިޔުން ކިޔާލުމުން