2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފެނާއި ނަރުދަމާގެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އިއްތިފާގުންނެވެ. 7 މެންބަރަކު ދެކޮޅަށް ވޯޓުދެއްވިއެވެ.
2027ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށައެޅީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ފެނާއި ނަރުދަމާގެ ޤާނޫނުގައި މިހާރު އޮންނަ ގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ފެނާއި ނަރުދަމާގެ ޤާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ. މި ޤާނޫނު ތަސްދީޤުކުރީ 2020 ވަނަ އަހަރުއެވެ. އެހެންކަމުން ޤާނޫނުގައި ބުނާ 5 އަހަރު ދުވަހުގެ މުއްދަތު މިއަހަރަށް ހަމަވާނެއެވެ.
ޤާނޫނަށް އިސްލާހު ހުށައަޅަން ބިލެއް ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަންޖެހޭ މުއްދަތު އިތުރުކުރުމެވެ. އެ ގޮތުން މިހާރު ހުށައަޅާފައިވާ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން