އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓާގެޓަކީ މި އަހަރުގެ ތެރޭގައި "ހާލު ކިހިނެއް" ޕްރޮގުރާމު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުން ކަމަށް ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައެވެ.
މި ޕްރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން، ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، އެ ގޭބީސީގައި ދިރިއުޅޭ މީހުންގެ ހާލަތު ބަލައި، ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމު ކުރިއަށް ގެންދިޔުމުގައި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިވެރިވުން ހިމެނެއެވެ.
ޑެޕިއުޓީ މިނިސްޓަރ ލަހްފާ ވިދާޅުވީ، އެންމެ ފަހުން ހާލު ކިހިނެއް ޕްރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ، ދ. އަތޮޅުގައިކަމަށެވެ. އަދި، އެ އަތޮޅުގެ ހުރިހާ ރަށްތަކަށް ޕްރޮގްރާމް ހިންގާފައިވާކަމަށް ލަހްފާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ 15 އަތޮޅަކަށް، މި ޕްރޮގުރާމް ތައާރަފުކުރެވިފައިވާނެކަމަށް ވެސް ލަހްފާ ވިދާޅުވިއެވެ.
ލަހްފާ ވިދާޅުވީ، ދ. އަތޮޅުގެ ގިނަ ރަށްރަށުގެ ގޭބީސީތަކަށް ޒިޔާރަތްކުރެވިއްޖެކަމަށާއި، އެ އަތޮޅުގެ ބައެއް ރަށްތަކުގެ 95 އިންސައްތައަށް ވުރެ ގިނަ ގޭބީސީތަކަށް ޒިޔާރަތްކުރެެވިއްޖެކަމަށެވެ. އަދި، އެ އަތޮޅުގައި ޒިޔާރަތްކުރި ގޭބީސީތަކުގެ ތެރެއިން، އެންމެ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް މި ވަގުތު ކުރަމުންދާކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ހާލު ކިހިނެއް ޕްރޮގުރާމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ ލަހްފާ ވިދާޅުވީ، ހާލު ކިހިނެއް ޕްރޮގުރާމު ފެށިގެން، މިއަދާ ހަމަޔަށް 15،000 އަށް ވުރެ ގިނަ ގޭބީސީތަކަށް ޒިޔާރަތްކުރެވިއްޖެކަމަށެވެ. އަދި، ގޭބީސީތަކަށް ޒިޔާރަތްކޮށް، މިނިސްޓްރީއަށް ރިޕޯޓުކުރަންޖެހޭ ހާލަތްތަކާއި، ރިޕޯޓުކުރަންޖެހޭ ހޮޓްލައިންތަކުގެ މައުލޫމާތު ފޯރުކޮށްދެވުނުކަމަށް ލަހްފާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން