ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 3.39 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ޖުލައި މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 105.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2024 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު %15.4 އިތުރު އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ %12.8 އިތުރު އަދަދެކެވެ.
ޖުލައި 2024 އާ އަޅާބަލާއިރު މިދިޔަ މަހުގެ އާމްދަނީ އިތުރުވެފައިވަނީ ކޯޕަރޭޓް އިންކަމް ޓެކްސް، ގްރީން ޓެކްސް، ޓީޖީއެސްޓީ އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.
މީގެ އިތުރުން 2024 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %15 އިން އިތުރުވުމާއެކު، ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވުމާއި، 1 ޖަނަވަރީ 2025 އިން ފެށިގެން ބޮޑުކުރި ޓީޖީއެސްޓީ އާއި ޑިސެންބަރު 2024 އިން ފެށިގެން ބޮޑުކުރި އެއާޕޯޓު ޓެކުހާއި ފީގެ ސަބަބުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
މިދިޔަ މަހަށް އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.
މީރާއިން ބުނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުންނާއި ބޭންކްތަކުން ދައްކަން ޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި، ސުންގަޑިއަށް ފައިސާ ދެއްކި ފަރާތްތަކުގެ ނިސްބަތް އިތުރުވުމުގެ ސަބަބުން މިދިޔަ މަހަށް އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.
އަދި ހަމަ އެއާއެކު މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ %14.9 އަކީ ކުރިން ހަމަވެފައިވާ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާ ކަމަށާއި، އާމްދަނީގެ %7.4 ލިބިފައިވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުން ކަމަށްވުމާއެކު، މިދިޔަ މަހުގެ އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރުވެފައިވަނީ މި ސަބަބުތަކަށްޓަކައި ކަމުގައި މީރާއިން ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ %48.9 ނުވަތަ 165.6 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ %31.7 ނުވަތަ 107.2 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 159.7 މިލިއަން ރުފިޔާ (%4.7)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 149.5 މިލިއަން ރުފިޔާ (%4.4)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 139.9 މިލިއަން ރުފިޔާ (%4.1) އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 69.7 މިލިއަން ރުފިޔާ (%2.1) ބަލައިގަނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން