ޢަޞްޙާބު ބޭކަލުންނަށް ބަދުބަސް ބުނުމަކީ ޢަޤީދާ ފާސިދުކަމުގެ ދަލީލެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ޞަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ އަހަރެމެން ކީރިތި ރަސޫލާއަށް ފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީން ކަމަށާއި، އަހަރެމެން އެންމެ ލޯބިކުރަނީ ނަބިއްޔާއަށް ފަހު އެ ބޭކަލުންނަށް ކަމަށާއި، މި ވޭތުވެ ދިޔަ ޒަމާންތަކުގައި އަހަރެމެންގެ ޢިލްމުވެރީން މަތިވެރިވެގެންވާ އާލުބައިތުންނާއި މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައި ނުވާ ކަމަށާއި، އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކު ކަމުގައެވެ.
މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ، އަޞްޙާބު ބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށާއި، އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުން ކަމަށާއި، އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ ކަމަށާއި، އެ ފަދަ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި، އަހަރެމެން ދީނާ ދުރުކުރުވުން ކަމަށެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މި އުންމަތުގެ ނަބިއްހާ މުޙައްމަދުގެފާނަށް ފަހު އެންމެ މަތިވެރިވެގެންވާ ބޭކަލަކީ މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހާ ކަމަށާއި، އެކަލޭގެފާނަށް ފަހު ޢުމަރުގެފާނު ކަމަށާއި، އަދި އެކަލޭގެފާނަށް ފަހު ޢުޘްމާންގެފާނު ކަމަށާއި، އެއަށްފަހު ޢަލީގެފާނު ކަމަށާއި، މި ކަމަށް އުންމަތް ވަނީ އިއްތިފާޤުވެފައި ކަމަށާއި، އަހަރެމެންގެ ޚުޠުބާތަކުގައި ކޮންމެ ފަހަރަކު މި މަތިވެރި ހަތަރު ބޭކަލުންނަށް ހެޔޮ ދުޢާ ކުރާ ކަމަށެވެ.
"ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ މިއީ. މިއާ ޚިލާފުވަނީ ބާޠިލު ފިކުރުތަކުގެ އަހުލުވެރީން. އެހެންކަމުން މި މަތިވެރި ޢަޤީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހޭ. އަހަރެމެން ވަޠަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފަހައްޓައިދިން ވަރުގަދަ ޢަޤީދާއަކީ މިއީ. މި ޢަޤީދާއިން އަހަރެމެން ފައި ކައްސާލައިފިނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެ"، ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން