ސުޕްރީމް ކޯޓަށް ފޮނުވާ އެންމެހައި ލިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް އެ ކޯޓުން އަންގައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ ދުވަހުން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވެންދެން ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތައް އެޑްރެސްކުރުމަށް އަންގާފައިވަނީ އެ ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު ޢަބްދުﷲ ޙަމީދަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު ޚާއްޞަ ދެންނެވުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން ސުޕްރީމް ކޯތަށް ފޮނުވާ އެންމެހައި ލިޔުންތައް އެޑްރެސްކުރަންވާނީ "ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްޣަނީ މުޙައްމަދަށް" ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު މިއަދު ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލް.އެލް.ބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވާފައެވެ. އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.
މި މަގާމާއި ޙަވާލުވެވަޑައިގަތުމާއި ހަމައަށް އެ މަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ. އެ މަނިކުފާނުގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑިޝިއަލް ސާރވިސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން