އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ހ. ހޯސްޓްސައިޑް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނަށް ލަފާ އަރުވާފައިވާތީ، އެކަމާމެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އިއްޔެ ފޮނުވާފައިވާއިރު، އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ ޢައްޔަންކުރެއްވުމަށް ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންވެސް ވަނީ ފާސްވެފައެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޣަނީ ޢައްޔަންކުރުމަށް ފާސްވެފައިވަނީ ޣަނީއަށް ރުހުން ދިނުމާމެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު މުޢުތަޞިމް ޢަދުނާން ޖުލައި 21 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
މިވަގުތު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުލްޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ފަނޑިޔާރުކަން ކުރައްވައިފައެވެ. މިގޮތުން އޭނާ ވަނީ ސިވިލް ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން