ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ސީނިއަރ ޑެޕިއުޓީ ލީޑަރު، އިބްރާހީމް ޝުޖާޢުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ރިޕޯޓު ލީކުވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުން ދަނިކޮށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުކަމުން ޝުޖާޢު ވަކިކޮށްފިއެވެ.
މިގޮތުން މަޖިލީހުގެ ކޮމިޓީތަކަށް ގެނެސްފައިވާ ބަދަލުތައް އިއްވަވަމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މާލިއްޔަތު ކޮމިޓީއަށް ޝުޖާޢުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ޤައުމީ ތަރައްޤީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ ބަދަލުގައި ޝުޖާއު ވަނީ ހަމަޖައްސައިފައެވެ.
ލީކުވެފައިވާ އެމްއެމްއޭގެ އެފްއައިޔޫގެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ނުވަތަ ނޫންކަން އެމްއެމްއޭ އިން ކަށަވަރުކޮށްދީފައި ނުވާއިރު، އެ ރިޕޯޓުގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މި މައްސަލަ ބަލަމުންދާއިރު، އެފްއައިޔޫގެ ވެރިއަކަށް ހުންނެވި ޢަބްދުﷲ އަޝްރަފް އެ މަޤާމުން ދުރުކޮށް، އޭނާގެ ބަދަލުގައި އެ މަޤާމަށް އިސްމާޢީލް ސާޖިދު ވަނީ ޢައްޔަންކޮށްފައެވެ.
ލީކުވެފައިވާ ރިޕޯޓުން ފެންނަ ގޮތުގައި 1 ނޮވެންބަރު 2023 އިން 10 ޖަނަވަރީ 2024 އާ ހަމައަށް ޝުޖާޢު އާއި އޭނާގެ ޢާއިލާގެ ދެ މެންބަރެއްގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަނީ 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައެވެ.
ލީކުވެފައިވާ ރިޕޯޓާ ގުޅިގެން ޝުޖާޢުއަށް ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އޭނާގެ ކުންފުނިން ހުރިހާ ކަމެއްވެސް ކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން