ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިނުގަތުމަށް އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި، އެ ބިލު ބަލައިނުގަނެ، އެ ބަދަލުތައް ގެނައުމަށް ދެކޮޅަށް ތެދުވުމަށް ގޮވާލާ ކަމަށެވެ.
"ޒަމާންތަކެއް ވަންދެން ވެރިކަން ކުރާ ރަށުގައި މަރުކަޒުކޮށްފައި ހުރި ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލައި، ރަށްރަށުގެ ކަންކަމަކީ އެ ރަށްރަށުގެ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުން މެދުވެރިކޮށް ނިންމާ ކަންކަމުގެ ގޮތުގައި ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ތާރީޚުގައި ހޯދިފައިވާ ބޮޑު ކާމިޔާބެއް"، އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ ރަށްރަށުގެ އިޚްތިޞާޞް ކަނޑައެޅި، އެ ރަށެއްގެ ވަށައިގެންވާ ގުދުރަތީ ވެށި ބޭނުންކޮށްގެން އާމްދަނީއާއި މަންފާ ހޯދޭ ގޮތަށް ޤާނޫނަށް ގެނެވިފައިވާ ބަދަލުތަކަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް ނަމަވެސް، ސަރުކާރުން ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާއެކު ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން މި ޕާޓީން ކުށްވެރިކުރަން. ރަށްރަށުގެ މައްޗަށް ބާރު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އެމްޑީޕީން ޤަބޫލުކުރަން"، އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙާ ދެކޮޅަށް އަޑުއުފުލުމަށް ކައުންސިލަރުންނާއި ރައްޔިތުން އިހުތިޖާޖު ކުރުމަށް ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން