ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.
މިގޮތުން އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން އާސަންދަ ހަމަޖެހޭ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވާއިރު، އެންސްޕާގެ އެހީ ލިބޭ ބަލިމީހަކަށް އެންސްޕާއިން ކަނޑައަޅާ ޢަދަދަށް ބަލައި 2،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މީގެ އިތުރުން އާސަންދަ އަދި އެންސްޕާގެ އެހީ ނުލިބޭ ބަލިމީހަކަށް 1،000 ޑޮލަރު ބީއެމްއެލް އިން ވިއްކާނެއެވެ.
ޑޮލަރު ގަތުމަށް، އާސަންދައާއި އެންސްޕާގެ އެހީގައި ބޭރަށް ދާ ފަރާތްތަކުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓު ކޮޕީގެ އިތުރުން އާސަންދަ ނުވަތަ އެންސްޕާއިން ދޫކުރާ ލިޔުން، ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕް ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް މެސެޖުކޮށްގެން ހުށަހެޅޭނެއެވެ.
އަދި އަމިއްލަ ޚަރަދުގައި ރާއްޖެއަށް ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކުން ހުށަހަޅަންޖެހޭނީ ޑޮކްޓަރުގެ ރިފަރަލް ސިޓީއާއި، މި ސިޓީގައި ބަލީގެ ހިސްޓްރީ އެނގެން ނެތްނަމަ އެކަން ބަޔާންކުރާ ވަކި ލިޔުމަކާއި، ޑޮކްޓަރުގެ ނުވަތަ ފަރުވާ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާކަމުގެ ލިޔުމާއި، ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓު ކޮޕީއެވެ.
ބީއެމްއެލް އިން މި ބަދަލު ގެނެސްފައިވަނީ، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން އެންސްޕާގެ އެހީގައި ބޭރަށް ދާ ފަރާތްތަކަށްވެސް 2،000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ ފަރާތްތަކަށްވެސް 1،000 ޑޮލަރު ބޭންކުތަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން