"ފްރޮމް މޯލްޑިވްސް" ބްރޭންޑްގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ދިމާވާ ގޮންޖެހުމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވައިލެއްވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކުގައި ރާއްޖެއިން އަދިވެސް ބޮޑު ޓެރިފް އެއް ދައްކަންޖެހުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރާ ބޮޑެތި ސިނާއީ ފްލީޓްތަކަށް ޑިއުޓީ ފްރީ އެކްސެސް ލިބޭއިރުވެސް، ޚާއްސަކޮށް ދުނިޔޭގެ އުތުރުގައި މުހިންމު މާކެޓްތަކުގައި ރާއްޖެއަށް ބޮޑު ޓެރިފްތަކެއް ދައްކަންޖެހޭކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިއީ މި އިފްތިތާހްކުރި ރާއްޖޭގެ ހާއްސަ ބްރޭންޑް "ފްރޮމް މޯލްޑިވްސް" މުހިންމުވާ އެއް ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އުންމީދަކީ، ދިވެހި މަސްވެރިން އުފުލަމުންދާ ބުރައަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުން ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތަކުގެ ހަގީގީ އަގު ދުނިޔޭގެ ބާޒާރުގައި ބަލައިގަނެ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޕްރޮޑަކްޓަކަށް ރާއްޖޭގެ މަސްވެރިންގެ އުފެއްދުންތައް ވެގެންދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން