ހދ މަކުނުދޫ އައިސްޕްލާންޓްގެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ހދ. މަކުނުދޫ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެރަށު ކައުންސިލުން މިއަދު ވަނީ މި ވުޒާރާއާއި އެކު މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފްއެވެ. މަކުނުދޫ ކައުންސިލްގެ އިސްބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީޤު ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި މަކުނުދޫ ކައުންސިލުން ވަނީ ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަކުނުދޫ ޒުވާނުންނަކީ މުނިފޫހިފިލުވުމުގެ މަސްވެރިކަން ކުރަމުން އަންނަ ބައެއްކަމަށާ އެސަރަހައްދުގައި ސްޕޯޓްސް ފިޝިންގ ވަދު ކަނދުފައްޗެއް ގާއިމްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މީގެއިތުރުން މަކުނުދޫގައި ގާއިމް ކުރާ އައިސްޕްލާންޓްގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވަނީ މަކުނުދޫ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ މުއްތަލިބު ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރ މުއްތަލިބު ވިދާޅުވީ މަކުނުދޫ ކައިރީގައި އަޅާ ކަނދުފަ ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ކަނދުފަތި ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރ ދެއްވި އެވެ.
މީގެއިތުރުން މުއްތަލިބް ވިދާޅުވީ މަކުނުދޫ އައިސްޕްލާންޓްގެ މަސައްކަތަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއިއެކު އައިސްޕްލާންޓްގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރަމުންގެންދާކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން