13 ޖުލައި 2025 އިން ފެށިގެން ރާއްޖެއަށް ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރެވޭނީ އެކަމަށް ޚާއްޞަ ހުއްދައެއް ނެގުމަށްފަހުގައި ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ބަދަލު އައިސްފައިވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ގަވާއިދު އިޞްލާހުކޮށް، އެއަށް ޢަމަލުކުރަން ފަށާފައިވާތީއެވެ.
އުޅަނދުފަހަރު ރާއްޖެ އެތެރެކުރުމުގެ ހުއްދައަކީ މީގެ ކުރިންވެސް ވުޒާރާއިން ދެމުން އައި ހުއްދައެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ފާއިތުވި 5 އަހަރު ވަނީ މި ހުއްދަ ދިނުން ހުއްޓާލާފައެވެ. އަލުން މި މަސައްކަތް ފަށާފައިވާއިރު، ރާއްޖެ އެތެރެކުރެވޭ 2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ބާއްވާނެ ޖާގައެއް އޮތްތޯ ކަށަވަރުކުރެވޭނެ ނިޒާމާއެކު މިކަން ކުރިއަށްދާނެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ މީގެ ކުރިން ހުއްދަ ދޭއިރު އެތަނަކީ ވެހިކަލް ބޭއްވޭނެ ތަނެއްތޯ ނުބެލުނު ނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު އުޅަނދު އެތެރެކުރުމަށް ހުއްދަ ދޭއިރު، އެ އުޅަނދެއް ބޭއްވުމަށް ހަމަޖައްސާ ތަނަކީ އެ އުޅަނދެއް ބޭއްވުމަށް އެކަށޭނެ ތަނެއްކަން ބެލުމަށް އެ ވުޒާރާއިން ދާނެ ކަމަށާއި، ހުއްދަ ދެވޭނީ މިކަންކަން ބެލުމަށްފަހުގައި ކަނޑައެޅިފައިވާ މިންގަނޑު ފުރިހަމަވާނަމަ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ. މި ގަވާއިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުމެވެ.
2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް މި ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. އަދި މި ޚިދުމަތަށް އެދޭ ފޯމް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ރިސެޕްޝަނުން ވެސް ލިބެން ހުންނާނެއެވެ.
މި ލިޔުން ކިޔާލުމުން