ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ހައްޔަރުކުރި ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ބަންދުން ދޫކޮށްލައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ޖޫން މަހުގެ 17 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން މުޙައްމަދު ހާޝިމް 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 2025 މޭ މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން މުޙައްމަދު ހާޝިމް، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވެއެވެ.
މި މައްސަލަތަކުގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރައި އޭގެ ވެރި ފަރާތްތަކަށް ހޯދައިދީފިއިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން