ލ.ފޮނަދޫގައި ބަނދަރަކާއި ބަންކަރިން ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭ ކޮންސަލްޓޭޝަން ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ ލާމުގެ ބަނދަރާއި ބަންކަރިން މަޝްރޫއަކީ، އިންޑިޔާ ކަނޑުގެ މެދު ސަރަހައްދުގައި ހިމެނޭ މުހިއްމު ބޮޑު ވިޔަފާރި ދަތުރުތަކުގެ މުހިއްމު މަގެއްކަމަށްވާ "ވަން އެންޑް ހާފް ޑިގްރީ ޗެނަލް"އާ އިންވެގެން އޮންނަ އަތޮޅެއް ކަމުގައިވާ ލ.އަތޮޅުގައި ހިންގަން ސަރުކާރުން ނިންމާފައިވާ އިސްތިރާޖީ މަޝްރޫއެއް ކަމަށެވެ.
އަދި މި މަޝްެރޫއުގެ އަމާޒަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑު ދަތުރުފަތުރުގެ މަންދާ ހޯދުމަށްޓަކައި މަލްޓި-ޕާޕަސް ނުވަތަ ގިނަ ބޭނުން ހިފޭ ބަނދަރެއް ތަރައްގީކުރުމާއެކު ބަންކަރިންނާ ގުޅުންހުރި ވަސީލަތްތަކާއި އެނޫންވެސް ކަނޑު ދަތުރުފަތުރާ ގުޅޭ ހިދުމަތްތަކަށް ބޭނުންވާ ބިނާރުތައް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވައިލި ފުރުސަތަކީ ޕްރޮޕޯޒަލް ނުވަތަ ބީލަން ހުށަހެޅުމަށް ހުޅުވައިލި ފުރުސަތެއް ނޫނެވެ. މިއީ މި ކޮންސެޕްޓާމެދު އަމިއްލަ ވިޔަފާރިތަކުގެ ޝައުގުވެރިކަން ހުރި ނެތްގޮތް ދެނެގަނެ، މި މަޝްރޫއުގެ މާލީ ފީސިބިލިޓީ ދެނެގަނެ އެ މަޝްރޫއުން އާމްދަނީ ހޯދިދާނެ މޮޑެލްތަކާމެދު ހިޔާލު ހޯދުމަށާއި، ވިޔަފާރި އެކުލަވައިލާ ފަރުމާކުރެވިދާނެ އޮނިގަނޑުތަކާމެދު މަޝްވަރާކުރުމަށް ހިންގާ ކޮންސަލްޓޭޝަން މަރުހަލާއެއްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލި ފުރުސަތެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އޭގެ އިތުރަށް މި މަރުހަލާގައި، ބަނދަރާއި ބަންކަރިންގެ އިތުރަށް އެ ތަނުގައި ގާއިމުކުރެވިދާނެ އެހެނިހެން ވަސީލަތްތަކާ ގުޅޭ ހިޔާލުތައްވެސް ހޯދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ލޮޖިސްޓިކް ހަބްތަކާއި، އުޅަނދުފަހަރު މަރާމާތުކުރާނެ ވަސީލަތްތަކާއި ޔޮޓު ފަހަރަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ބޭނުންވާ ވަސީލަތްތައް ފަދަ ކަންކަން ގާއިމުކުރުމާމެދު ހިޔާލު ހޯދާނެ ކަމުގައި ބުނެފައިވެއެވެ.
އުތުރުގައި އަދި ދެކުނުގައި ބަންކަރިން ހިދުމަތާއި ކަނޑުގެ ދަތުރުފަތުރާ ގުޅުންހުރި އެހެނިހެން ބައެއް ހިދުމަތްތައް ތައާރަފުކުރުމުގެ އިތުރަށް މާލީ ހިދުމަތްތައް ތައާރަފުކުރުމަށް ހުޅުމާލޭގައި މާލީ މަރުކަޒެއް ގާއިމުކުރުމަށް ގަތަރުގެ ކުންފުންޏަކާއެކު ސަރުކާރުންވަނީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން