ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ ބޯޑު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޯޑު މެންބަރުންގެ އިޤްރާރުގައި ސޮއިކުރުމާއި ބޯޑުގެ އިފްތިތާޚީ ބައްދަލުވުން ވަނީ ބާއްވައިފައެވެ. އަދި މި ބައްދަލުވުމުގައި ބޯޑުގެ ވައިސް ޗެއަރޕަރސަންވެސް ވަނީ އިންތިޚާބުކޮށްފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ބޯޑުގެ ވައިސް ޗެއަރޕަރސަންގެ ގޮތުގައި އިންތިޚާބުވެފައިވަނީ ޢަބްދުއްލަޠީފް މުޙައްމަދު (ބޮންތި، ހ.ދ ކުޅުދުއްފުށި) އެވެ. އެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމު އަދާކުރައްވާނީ ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙްމަދެވެ.
ސިޓީ ކައުންސިލުން ބުނީ އެޑްވައިޒަރީ ބޯޑަކީ އެ ކައުންސިލުން ހިންގާ އެކި ދާއިރާތަކުގެ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މުޖުތަމައުގެ ބައިވެރިވުން މިހާރަށްވުރެވެސް އިތުރުކޮށް، އެކިދާއިރާތަކުން އިލްމާއި ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ހޯދައިގެން ކައުންސިލްގެ ސިޔާސަތު ކަނޑައެޅުމަށްޓަކައި ކައުންސިލުން އެކުލަވާލަން ނިންމާފައިވާ ވޮލެންޓިއަރ އެޑްވައިޒަރީ ބޯޑުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކުލަވާލި ބޯޑު ކަމަށެވެ.
ޓޫރިޒަމް އެޑްވައިޒަރީ ބޯޑު އެކުލަވާލުމުގެ މަޤުޞަދަކީ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށުފެންވަރުގައި ކުރަންރާވަފައިވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ލަފާ ހޯދުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނޭގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުން ކަމުގައިވެސް ކައުންސިލުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން