ރާއްޖޭގެ އިޖުތިމާޢީ ކަންކަން ބަދަލުވަމުންދާ ގޮތުން، އިޖުތިމާޢީ ފޭރާމަށް ކޮށްފައިވާ އަސަރުތަކުން، މުޖުތަމައުގައި މުދައްރިސުންނަށް އިޙުތިރާމުކުރުމުގެ ސަޤާފަތެއް އުފައްދަން މިއަދު މި ވަނީ މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިގޮތުން ހުރަވީ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ދަރިވަރުންގެ މުސްތަޤުބަލަށް ޓަކައި ދަރިވަރުންނަށް އެދެވޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ޖާނާއި މާލުން ޤުރުބާންވާ ބަޔަކީ ބެލެނިވެރިން ކަމަށާއި، ތިމާގެ ދެލޯނޭދިއެދޭ ދަރިފުޅު މުދައްރިސުންނާ ޙަވާލުކުރާ އިރު މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި ވަރަށް ހަރުދަނާ ގުޅުމެއް އޮންނަންޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ މުދައްރިސުންނަށް އިތުބާރާއި އިޙުރިތާމް ކުރަންޖެހޭ ކަމަށާއި، ޚާއްޞަކޮށް ދަރިވަރުންގެ ކުރިމަތީގައި ބެލެނިވެރިން، މުދައްރިސުންނަށް އިޙުތިރާމް ކުރާކަން ދަރިވަރުންނަށް އެނގެންޖެހޭ ކަމަށެވެ.
ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރުމުން، އަމިއްލަ ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދޭ ކަމަށާއި، ހިންގުމުގެ ދާއިރާއަށް ލޯ ހުޅުވައިދޭ ކަމަށާއި، މީހުންނާ ގުޅިގެން މަސައްކަތް ކުރަން ދަސްކޮށްދޭ ކަމަށާއި، މީހުން ގޮވައިގެން، މީހުން ލައްވާ މަސައްކަތްކުރުވަން ދަސްކޮށްދޭ ކަމަށް ވިދާޅުވިއެވެ.
އަދި މައްސަލަ ޙައްލުކުރަން ދަސްކޮށްދޭ ކަމަށާއި، ނަޒާހަތްތެރިވުމަށް ހިތްވަރު ލިބޭ ކަމަށާއި، ދަރިވަރުންގެ އިޙުތިރާމް ލިބޭ ކަމަށާއި، އެ ދަރިވަރުން، މާދަމާ ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭތަން ފެނުމުން ކުރެވުނު މަސައްކަތުގެ ހިތްހަމަޖެހުން ލިބޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން