މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގައި އިންޑިއަން އޯޝަން ކެޓަގަރީގައި ރާއްޖެއިން ޝަރަފުވެރި ދެ އެވޯޑެއް ހާސިލުކޮށްފިއެވެ.
މިގޮތުން މި އެވޯޑުތައް ރާއްޖެއަށް އަރުވާފައިވަނީ ޖޫން 28 ވަނަ ދުވަހު ތަންޒޭނިއާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އެފްރިކާ އެންޑް އިންޑިއަން އޯޝަން ގާލާގައެވެ.
ރާއްޖޭގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެވޯޑުތަކާ ހަވާލުވެވަޑައިގެންނެވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝިއުރީ އެވެ.
1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އެވޯޑުގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑު ހަފްލާގައި ރާއްޖެއަށް ލިބިފައިވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2025 އާއި އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2025، މި ދެ އެވޯޑެވެ. މީގެ ތެރެއިން ލީޑިންގ ޑެސްޓިނޭޝަން އެވޯޑު ފާއިތުވި ފަސް އަހަރުވެސް ރާއްޖެއަށް ލިބިފައިވާއިރު، ރާއްޖެއިން ވަނީ މިދިޔަ އަހަރު ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑުވެސް ހާސިލުކޮށްފައެވެ.
މި އަހަރު އަނެއްކާވެސް ރާއްޖެއަށް މި އެވޯޑުތައް ލިބުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ، އިބްރާހީމް ޝިއުރީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބޭ މި އެވޯޑުތަކަކީ ވަރަށް ޚާއްޞަ އެވޯޑުތަކެއް ކަމަށެވެ.
ޝިއުރީ ވިދާޅުވީ މި އެވޯޑުތަކުން ރަމްޒުކޮށްދެނީ ރާއްޖެއަކީ އެފަދަ ދެވަނައެއް ނެތް ފަތުރުވެރިކަމުގެ މަންޒިލެއްކަން ކަމަށާއި، ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހަނދާން ނައްތާނުލެވޭނެ އުފާވެރި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ރާއްޖެއިން ދެމިއޮތްކަން އަދި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތްތައް ކަމުގައެވެ.
މި ލިޔުން ކިޔާލުމުން