ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރަ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން އަދްނާން އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިބްރާހިމް އިސްމާއިލް ޢަލީ އެވެ.
އިސްލާމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމްކުރުމަށްޓަކައި ޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީތެރިކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން އެދިފައިވާތީ، އެކަމަށް އެހީތެރިވެ ހަބް ގާއިމްކުރުމަށް އެ ވުޒާރާއަށް ދޫކުރުމަށް ނިންމާފައިވަނީ 19 މާރިޗު 2025 ގައި ބޭއްވުނު ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައެވެ.
އެމްޕަވަރަމަންޓް ހަބް ގާއިމްކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމަޢުގައި އިތުރުވަމުންދާތީ އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްޤީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އިސްލާމީ ވުޒާރާއިން ބުނެއެވެ.
މި އެއްބަސްވުމުގެ މުއްދަތަކީ، މީލާދީ ގޮތުން 25 އަހަރު ދުވަހެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި "އެމްޕަވަރމަންޓް ހަބް" ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާންއުދަރެސް ޓަވަރު 7 (ހުޅުމާލެ ފޭސް 2) ގެ އެއްވަނަ ފަންގިފިލާގައި ކަމަށެވެ.
މި ލިޔުން ކިޔާލުމުން