މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައައިބީ) ގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ގަވަރނަރުންގެ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ހުޅުވާނުލައި ބޭއްވުނު ޖަލްސާގައި ކެންޑިޑޭޓުގެ އިންޓަވިއު އަދި އޭއައައިބީގެ ދެން އަންނަ ރައީސް އިންތިޚާބުކުރުން ހިމެނެއެވެ. ޖަލްސާގެ ފަހުން، ގަވަރނަރުންގެ ބޯޑުގެ ޗެއަރ އިޢުލާނުކުރެއްވި ގޮތުގައި، ޒޯ ޖިއާޔީ ބޭންކުގެ އައު ރައީސްގެ ގޮތުގައި އިންތިޚާބުވެވަޑައިގެންފައިވެއެވެ.
ޒޯ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ 16 ޖަނަވަރީ 2026 ގައެވެ. އެކަމަނާ ވެވަޑައިގަންނަވަނީ ބޭންކުގެ ފުރަތަމަ ރައީސް ޖިން ލިކުންގެ ފަހުން ރައީސްކަމުގެ މަޤާމް އަދާކުރައްވާނެ ފުރަތަމަ ބޭފުޅާއަށެވެ. ޖިން ލިކުންގެ ދެވަނަ ފަސް އަހަރުގެ ދައުރު ނިމޭނީ 15 ޖަނަވަރީ 2026 ގައެވެ.
ދުނިޔޭގެ މާލީ ސިޔާސަތު އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޒޯ، ކުރިން މަސައްކަތް ކުރައްވާފައިވަނީ ޗައިނާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައެވެ. އެކަމަނާގެ ފަންނީ ތަޖުރިބާގެ ތެރޭގައި ވޯލްޑް ބޭންކް ގްރޫޕް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، ނިއު ޑިވެލޮޕްމަންޓް ބޭންކް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އައިފެޑް)، އަދި އޭއައައިބީ ފަދަ ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކުގައި ގަވަރނަރު ނުވަތަ އޯލްޓަނޭޓް ގަވަރނަރުގެ މަޤާމުތަކުގައި މަސައްކަތްކުރެއްވުން ހިމެނެއެވެ.
ރައީސް ޖިންގެ ދައުރުގައި، އޭއައައިބީގެ މެންބަރުކަން 57 އަސާސީ މެންބަރުންގެ އަދަދުން 110 ފާސްކުރެވިފައިވާ މެންބަރުންގެ އަދަދަށް އިތުރުވެފައިވެއެވެ. އަދި 38 މެންބަރު ޤައުމުތަކުގައި 322 ތަރައްޤީގެ މަޝްރޫޢުތަކުގައި 60 ބިލިއަން އެމެރިކާ ޑޮލަރ އިންވެސްޓްކޮށްފައިވެއެވެ. ބޭންކުން އަމާޒުކޮށްފައިވަނީ އައު އިންވެސްޓްމަންޓްތަކުގެ މަދުވެގެން ދެބައިކުޅައެއްބައި މޫސުމީ ބަދަލުތަކާ ގުޅުންހުރި މަޝްރޫޢުތަކަށެވެ.
މީގެ އިތުރުން، އޭއައައިބީއަށް ދުނިޔޭގެ ހުރިހާ ބޮޑެތި ބައިނަލްއަޤްވާމީ އޭޖެންސީތަކުން އޭއޭއޭ ކްރެޑިޓް ރޭޓިންގ ލިބިފައިވެއެވެ. އަދި 20 ފައިސާއަކުން ބޮންޑު ދޫކޮށް، ޖުމްލަ 54 ބިލިއަން އެމެރިކާ ޑޮލަރާ އެއްވަރުގެ އަދަދެއް ހޯދާފައިވެއެވެ. ދުނިޔޭގެ ތަރައްޤީގައި އޭއައައިބީގެ ދައުރު ފާހަގަކޮށް، 2018 ވަނަ އަހަރު އދ. އިން އޭއައައިބީއަށް ދާއިމީ އޮބްޒާވަރ ސްޓޭޓަސް ދީފައިވެއެވެ.
ވަޒީރު ޒަމީރު، ޒޯ އިންތިޚާބުވެވަޑައިގަތުމުން މަރުޙަބާ ދަންނަވައި، އިންކްލޫސިވް އަދި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ތާއީދު އޮތްކަން ފާޅުކުރެއްވިއެވެ. އަދި އޭއައައިބީ ދުނިޔޭގެ އުމްރާނީ ތަރައްޤީ އަދި ތަރައްޤީގެ މާލީ އެހީގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ޤާއިމުކުރުމުގައި ރައީސް ޖިންގެ ހިއްސާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ އޭއައައިބީ އުފެއްދުމުގައި ބައިވެރިވި މެންބަރެކެވެ. އަދި އޭއައައިބީގެ ހިންގުމާއި ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވަމުން ގެންދެއެވެ.
މި ލިޔުން ކިޔާލުމުން