އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާބެހޭ ފޯރަމްގެ ޒުވާނުން ބިނާކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ ރާއްޖޭގައި އިފްތިތާޙުކޮށްފިއެވެ.
މި ޖަލްސާ އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމެވެ.
މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވަމުން ނާޡިމް ވިދާޅުވީ، އާބާދީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ ކުރިމަތިލުމަށް، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލަންޖެހޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮންފަރެންސްގެ މަންދޫބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ނާޡިމްވަނީ 2014 ވަނަ އަހަރުގެ ބޯހިމެނުމާ ހަވާލާދެއްވަމުން ރާއްޖޭގެ އާބާދީ ތަރައްޤީވަމުން އަންނަ ގޮތުގެ ތަޞައްވަރެއް ހުށަހަޅުއްވައިދެއްވާފައެވެ.
ރާއްޖޭގެ އާބާދީ، 2054 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަނާ ގާތްކުރާނެކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގައެވެ. އަދި، އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަރުދަނާ ޞިއްޙީ ފަރުވާއާއި، ނަފްސާނީ ޞިއްޙަތަށް ސަމާލުކަންދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުމުގެ ބޭނުންތެރިކަމަށްވެސް އޮނަރަބަލް ނާޡިމްވަނީ އަލިއަޅުއްވާލައްވާފައެވެ.
"ރާއްޖޭގެ އިންސާނީ ރައުސްމާލަށް ރާއްޖޭގެ ތަރައްޤީ ދެމެހެއްޓޭނެއެވެ. އެކަން ދެމެހެއްޓެނެވިގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންސާނީ ރައުސުމާލަށް އިންވެސްޓްކުރަންޖެހެއެވެ. ޒުވާނުން، ވަކިން ޚާއްޞަކޮށް ޒުވާން އަންހެނުންނަށް ތަޢުލީމާއި ހުނަރާއި ލީޑާޝިޕްގެ ދައުރު ފަހިކޮށްދޭންޖެހޭ"، ނާޡިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޡިމްގެ ވާހަކަފުޅުގައި މުޖުތަމަޢުގެ ހެޔޮ ދުޅަހެޔޮކަމަށް ސަރުކާރުން ކުރިއަށްގެންދަވާ 'ހެޕިނެސް މޯލްޑިވްސް ޕްރޮގްރާމް'އާއި އަދި އެ ޕްރޮގްރާމާ ގުޅޭ ޤައުމީ ހެޕިނެސް އިންޑެކްސްއަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތުތަކަކީ، މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އިޖުތިމާޢީ ދުޅަހެޔޮކަން ބައްޓަން ކުރެއްވުމަށް މުހިންމުކަން ދެއްވާކަމުގެ ހެއްކެއްކަމަށް ވިދާޅުވިއެވެ.
އަދި އެންމެ ތޫނުފިލި ސިކުނޑިތަކުގެ ތެރެއިން ގިނަ ބަޔަކު ރާއްޖެއިން ބޭރުގައި ރަނގަޅު ފުރުސަތުތައް ހޯދަމުން ގެންދާއިރު، ޤައުމުގެ އިންސާނީ ރައުސުލްމާލު ހުސްވަމުންދާ މައްސަލައަކީ މިވަގުތު ދިމާވެފައިވާ މުހިންމު ގޮންޖެހުމެއްކަން ފާހަގަކުރައްވައި ނާޡިމް ވިދާޅުވީ މިކަން ހައްލު ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމާއި ވަޒީފާގެ ފުރުސަތުތަކާއި މާޙައުލާއި، އިޤްތިޞާދީ ނިޒާމުތައް އިސްލާހުކުރަން ޖެހިފައިވާ ކަމަށެވެ.
ނާޡިމް ވަނީ، އޭއެފްޕީޕީޑީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ރާއްޖޭގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އިންތިޚާބްވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި، އެކަމުން ސާބިތުކޮށްދެނީ މިދާއިރާއިން ރާއްޖޭގެ ޒަޢާމަތީ ދައުރުކަން ނާޡިމް ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން