މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން، ކޮމިއުނިޓީ ގާރޑްނިންގެ ނަމުގައި ގަސްއިންދަން ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ފަށައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕުރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ޖުލައި 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 16:00 އިން 17:30 އަށް އިސްރަށްވެހިންގެ ނާދީގައެވެ. މި ޕުރޮގުރާމުގައި 25 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕުރޮގުރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން