ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ފެށުމަށްޓަކައިބައެއް ބަދަލުތައް ގެންނަން އެބަ ޖެހޭ ކަމަށާއި، އެއަރޕޯޓުގެ މަސައްކަތާއި ގުޅުންހުރި އިންޓަރނަލް ޕްރޮސެސްތައް މިހާރު ނިމިފައިވާ ކަމަށެވެ.
މަސައްކަތް ފެށުން ލަސްވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތާއި، ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި، އެއަރޕޯޓަށް ބޭނުންވާ އިކުއިޕްމަންޓްތައް އޯޑަރ ކުރުންފަދަ ކަންކަމުގެ ސަބަބުން މަސައްކަތުގައި ލަސްތަކެއް ހުރިކަން ޤަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް، މިހާރުވެސް އެއަރޕޯޓް ޓަރމިނަލާއި، ފެންސާއި، ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ޤާއިމުކޮށްފައިވާ މި އެއަރޕޯޓަކީ އުތުރުގެ ރަށްރަށުގެ ދަތުރުފަތުރުގެ މައި ދޮރާއްޓެވެ. މި އެއަރޕޯޓުގެ މަސައްކަތް ފުރިހަމަވެ، ޚިދުމަތްތައް އިތުރަށް ފުޅާވެ ހަމަޖެހުމުން، ހދ. އަތޮޅަށާއި އުތުރުގެ އެހެނިހެން އަތޮޅުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން