އަންނަ ހަފުތާގެ ތެރޭގައި އައްޑޫ ލިންކް ރޯޑް މަރާމާތު ކުރަން ފަށާނެ ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.
އައްޑޫ
ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ލިންކް ރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ނުފެށި އޮތީ އެކަމަށް ބޭނުންވާ ތާރު މި ވަގުތު ނެތުމުން ކަމަށެވެ.
ނަމަވެސް ތާރު ހޯދަން ކުރި މަސައްކަތުން މިހާރު ތާރު ލިބިފައިވާތީ އަންނަ ހަފުތާގެ ތެރޭގައި ލިންކް ރޯޑް މަރާމާތު ކުރަން ފަށާނެ ކަމަށެވެ. މަގުގެ މަރާމާތަށް 10 ޓަނުގެ ތާރު ހޯދަން ކައުންސިލުން އެޕްރީލް މަހުގެ ތެރޭގައި ބީލަމަށް ހުޅުވައިލި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ކައުންސިލުން އެތައް ފަހަރެއްގެ މަތިން ލިންކް ރޯޑް މަރާމާތުކޮށްފައިވާ ކަމަށާއި އަދި ކުރަމުން އަންނަނީ ވަސީލަތްތަކުގެ ވަރަށް ބޮޑެތި ދަތިތަކަކާ ވެސް އެކު ކަމަސް ވެސް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ލިންކް ރޯޑް އެހާ ބޮޑަށް ހަލާކުވާން ދިމާވުމުގެ މައިގަނޑު ސަބަބަކީ ތާރު އަޅާފައި އޮތްލެއް ތުނިވުމާއި މަގުގެ ފެންވަރު ދަށްކަމުން ކަމަށެވެ.
އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރަން ސަރުކާރުން މިހާރު އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ. ލިންކް ރޯޑުގެ މަޝްރޫއު ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުންނ 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.
އެ މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ އޮތީ 2028 ގެ ކުރިންނެވެ.
މި ލިޔުން ކިޔާލުމުން