ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރުންނަށް ދެވޭ އިނާޔަތްތައް އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ، އެކަމަށް މާލީ ވުޒާރާގެ ލަފާ ހޯދުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މިގޮތުން މި މައްސަލައިގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިކަމުގައި މާލީ ވުޒާރާގެ ލަފައެއް ހޯދައި، ނޭޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އިން ނިންމާ ގޮތަކަށް ގަވާއިދު އިޞްލާޙު ކުރުމަށެވެ. މިގޮތަށް ނިންމާފައިވަނީ ޖޭއެސްސީން އެދިފައިވާ ގޮތަށް އެލަވަންސް ދިނުމަކީ ދައުލަތުން ިއިތުރަށް ކުރަންޖެހޭ ހޭދައެއް ކަމަށްވާތީ އެވެ.
ޖޭއެސްސީގެ ހުށަހެޅުމުގައި އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 500،000 ރުފިޔާ އާއި މަހަކު 70،000 ރުފިޔާ ދިނުމަށް އެދިފައިވެއެވެ.
ޖޭއެސްސީގެ ސިޓީގައިވާ ގޮތުން، މިހާރު އޮތް ގާނޫނުގެ ދަށުން އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިވަޑައިގަންނަވާނީ 185،100 ރުފިޔާއެވެ. ނަމަވެސް، ޖޭއެސްސީން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މި އަދަދު 493،600 ރުފިޔާއަށް އިތުރުވާނެއެވެ. އަދި މަހަކު ލިބިވަޑައިގަންނަވާ އިނާޔަތް 47،182.50 ރުފިޔާއިން 70،000 ރުފިޔާއަށް ބޮޑުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރަށް ލިވިން އެލަވަންސްއާއި ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ހަމަޖެއްސުމަށް ވެސް އެދިފައެވެ. އަދި ރިޓަޔާކުރައްވާއިރު ފަނޑިޔާރުކަން ކުރެއްވި މުއްދަތުގެ ބަދަލުގައި މުޅި ދައުލަތަށް ހިދުމަތްކުރެއްވި މުއްދަތު ގުނުމަށް ވެސް ހުށަހަޅާފައިވެއެވެ.
މި ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ތާއީދު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ރިޓަޔަ ކުރައްވާ އުއްތަމަ ފަނޑިޔާރުން ޝަރަފުވެރިކަމާއެކު ގެންގުޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން