ލާމަރުކަޒީ ޤާނޫނުގެ ދަށުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާމެދު ޚިޔާލު ހޯދަން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
މިގޮތުން މި ޤަރާރުގައި ބުނެފައިވަނީ ފާއިތުވި 15 އަހަރު ލޯކަލް ކައުންސިލްގެ ހަތަރު އިންތިޚާބު ބާއްވައި، އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިޚާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން މި ނިޒާމަށް ޚަރަދުވެފައިވީ ނަމަވެސް، މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްޤީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތް ކަމަށެވެ.
"މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރީން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރީންގެ ގޮތުގައި އިންތިޚާބުކުރާ ނިޒާމަކަށް މި ނިޒާމު ބައްޓަންވެގެން ގޮސްފައި އޮތުން"، ޤަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދެކަމުގެ ޝަކުވާ އާންމުވެފައިވާ ކަމަށާއި، ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށްވެސް ސީދާ ގޮތެއްގައި ހުރަސް އަޅާފައި އެބަހުރި ކަމަށް އެ ޤަރާރުގައި ޝުޖާޢު ވިދާޅުވެފައިވެއެވެ.
އަދި، ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދާމެދުވެސް އާންމުންގެ މެދުގައި ކަންބޮޑުވުން އޮތްކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމު ހަރަދަނާކުރުމަށްޓަކައި މި ސަރުކާރުން އެކަމަށް ޚާއްޞަ ވުޒާރާއެއްވެސް އުފައްދަވާފައިވާކަން ފާހަގަކުރައްވައި ޝުޖާޢު ވިދާޅުވީ އެ ވުޒާރާއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއެކު ފާއުތުވި 15 މަސް ދުވަހުގެ ތެރޭގައިވެސް ބޮޑެތި މަސައްކަތްތަކެއް ކޮށް، މި ނިޒާމުގައި ހުރި "ހާ" އަޅާ ކިތަންމެ ތަނެއް ދެނެގަނެވިފައިވާ ކަމަށެވެ.
އެކަމުގައި އެކަށޭނެ ދިރާސާއެއް ކުރުމަށްފަހު، މި މައްސަލައަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ސަރުކާރުން ލަސްތަކެއް ނުވެ މަޖިލީހަށް ފޮނުވާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
"މިހާތަނަށް އެކި ސިފަސިފައިގައި ކުރެވުނު އެންމެހައި ދިރާސާތަކުންވެސް ރައްޔިތުންގެ އެންމެ ކަންބޮޑުވުން އޮތީ ކައުންސިލަރުންގެ ޢަދަދާމެދުގައި. ކުޑަ ރަށެއްގައި އެންމެ 50 މީހުންގެ އާބާދީއަށް ވެސް މުނިސިޕަލް ޚިދުމަތް ދިނުމަށް އިންތިޚާބުކޮށް ދައުލަތުން މުސާރަ ދޭންޖެހޭ މަދުވެގެން 5 ކައުންސިލަރުން ތިބެންޖެހުން ފަދަ ކަންކަމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ބޮޑެތި އިޞްލާޙުތަކެއް ބޭނުންވާ ކަންތައްތައް. އަދި ހަމަ މިއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދުވެސް ކޮންޓްރޯލް ކުރުމަކީ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މި މަޖިލީހުން ކުރަންޖެހޭ ކަމެއްކަންވެސް ފާހަގަކުރެވޭ"، އެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.
މި ޤަރާރުގައި ޝުޖާއު އިތުރަށް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ކުރަމުން އަންނަ ހޭދައަކީ ވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށާއި، އެންމެ ކަންބޮޑުވާން ޖެހެނީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ ކަމަށެވެ.
ޝުޖާޢު ވިދާޅުވީ ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން އިންތިޚާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު، މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފެދޭ ކަމަށާއި، މި ނިޒާމުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއްވެސް ހިނގަމުންދާ ކަމަށެވެ.
"އާބާދީ ކިތަންމެ ކުޑަ ނަމަވެސް ރަށެއް ވެއްޖެނަމަ ފަސް ކައުންސިލަރުން އެބަތިބޭ. ޒިންމާތައް ބޮޑު، އާބާދީ ބޮޑު ރަށާއި މީހުން މަދު އަދި ކުރާނެ މަސައްކަތް ވެސް މަދު ކުޑަ ރަށުގެ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ހަމަ އެއްވަރު"، ޤަރާރުގައި ވެއެވެ.
"ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކުރާއިރު ހަމަ މިއީ ކުރަންޖެހޭ ޚަރަދެއްތޯ ސުވާލު އުފެދޭ. ކައުންސިލަރުން ތިބި އަދަދު މުޅިއަކުން ގޯހެއް ނޫން. ނަމަވެސް، ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެންޖެހޭތޯ މިއީ އުފައްދަން ޖެހޭ ސުވާލެއް. އޭގެ ބަދަލުގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ތިބި ކައުންސިލަރުންނަކީ ސިޓިން އެލަވަންސެއް ދޭ ބަޔަކަށް ބަދަލުކޮށްލެވިއްޖެނަމަ އެތައް ގުނައެއް ޚަރަދު ކުޑަކުރެވިގެންދާނެ. އަދި ޕްރޮފެޝަނަލް ޢިލްމީ ޤާބިލް އެތަކެއް ފަރާތްތަކެއްގެ ވިސްނުމާއި ހަކަތަ ރަށްރަށުގެ ހިންގުމަށް އަދި ތަރައްޤީގެ ނާރެހުގައި ބުރުޖެހުމަށް ޖާގަ ލިބިގެންދާނެ"، އެ ޤަރާރުގައި ޝުޖާޢު ވިދާޅުވެފައިވެއެވެ.
މި ޤަރާރު ނިންމަވާލައްވަމުން ޝުޖާޢު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ފެށި ދަތުރަށް 15 އަހަރު ފުރިގެން ދިޔައިރުވެސް، ހައްލު ހޯދުމަށް ޤާނޫނަށް އިޞްލާޙު ގެނައުން ފިޔަވައި، ސިޔާސީ ގޮތުން ކޮންމެ ސަރުކާރަކަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމް އޮތުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން