1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެ އޭރިއާ ކޮމާންޑުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ "ޙައްޖު އޮޕަރޭޝަން 2025" ނަމުގައި، ސަރުކާރުން ޙައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، މިއަދު ފެށި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން މި އޮޕަރޭޝަނުގައި، ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން މަސައްކަތްކުރާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެ ކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ޙައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓުގައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ.
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އައިސްފައިވާއިރު، ދެވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން