ގެދޮރުވެރިޔާ ސްކީމްގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިއުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކިޤަރީނާއިން އެނގޭތީ، އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި މިއަދު ޕީޖީގެ އޮފީހަށް ފޮނުވާފައިވާ ކަމަށެއެވެ.
މިގޮތުން މި މައްސަލައިގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި މއ.އެވަރލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މއ.ވިރާޙް، ޟިރުޢާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ.އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އޭސީސީން ބުނީ މި މައްސަލައިގެ ތަޙުޤީޤުގައި، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ދެ މުއްއައްސަސާއިން ކުރަމުންދާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުލެޓު މައްސަލައިގައި އޭސީސީން ކުރި ތަޙުޤީޤަށް ފަހު ބުނެފައިވަނީ ފުރަތަމަ ބުރުގެ 4،000 ފުލެޓު ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން ފުލެޓަށް ޝަރުތު ހަމަވަނީ އެންމެ 20 އިންސައްތަ މީހުން ކަމަށެވެ. އެކަމާ ގުޅިގެން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ފުލެޓު ލިސްޓް ރިވިއުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ.
ފުލެޓު ލިސްޓް ރިވިއު ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ 4،000 ފުލެޓު ލިބޭ ކަމަށް ޝަރުތު ހަމަވީ އެންމެ 1،820 މީހުން ކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އިޢުލާންކުރީ ވެރިކަން ބަދަލުވުމުގެ ދެ ދުވަސް ކުރިން 15 ނޮވެންބަރު 2023 ގައި ނަމަވެސް، 17 އަދި 18 ނޮވެންބަރު 2023 ގައިވެސް ފުލެޓު ކޮމިޓީގެ ބޭފުޅުން ޕޯޓަލަށް އެކްސެސްވެފައިވާކަން ސާބިތު ކުރެވޭ ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން