ދިވެހި ޙައްޖުވެރިންނަަށް މުޅިން އަލަށް ލިބިގެންދިޔަ މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށްފިއެވެ.
މިކަމަށްޓަކައި ރޭ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ސަޢުދީ އޮފިޝަލުން ރާއްޖެ ވަޑައިގެން ދިވެހި ޙައްޖުވެރިންނަށް ދެއްވި އަގުނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައާއި ގުޅޭ ގޮތުންވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގައި އެހެން ޤައުމުތައް ހިމަނާ އުސޫލުތަކުން އިސްތިސްނާކޮށް ރާއްޖެ ހިމެނުއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރު ރާއްޖެއިން ދަތުރުކުރި ހަތަރު ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. އެގޮތުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަން އެއްކޮށް ފުރިހަމަކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން މަޑުކުރަން ޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން