ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން މޭ 6-7 ގައި ބޭއްވި "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަންލަ ފޯރަމް އޮން އިންޓަރގްރިޓީ 2025" ގައި އެކުލަވާލައި އެއްބަސްވި، ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ހަރުދަނާކޮށް ކޮރަޕްޝަން ހުއްޓުވުމާގުޅޭ ހައި-ލެވަލް ޕްރިންސިޕަލްތައް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ "މިނިސްޓީރިއަލް މީޓިންގ އޮފް އެންޓި-ކޮރަޕްޝަން އެންޑް ލޯ އެންފޯސްމެންޓް އެޖެންސީސް" އަށް ރަސްމީކޮށް ހުށަހަޅަން ނިންމައިފިއެވެ.
އޭސީސީން ބުނީ މި ހައި-ލެވަލް ޕްރިންސިޕަލްތަކަކީ، ފަތުރުވެރިކަމުގެ ޙަރަކާތްތަކުގައި ނަޒާހަތްތެރިކަމާއި، ހާމަކަމާއި، ޖަވާބުދާރީވުން އިތުރުކުރުމަށް އޯއައިސީ ޤައުމުތަކަށް އެހީތެރިވުމަށް ފަރުމާކުރެވިފައިވާ އޮނިގަނޑެއް ކަމަށާއި، އދ. ގެ ކޮރަޕްޝަން ހުއްޓުވުމުގެ މުޢާހަދާ އާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭގޮތަށް އިސްލާމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށްފައިވާ މި ޕްރިންސިޕަލްތަކުގައި މައިގަނޑު ނުވަ ކަމެއް ހިމެނޭ ކަމަށެވެ.
އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށް ކަނޑައަޅާފައިވާ މުއައްސަސާތަށް ބާރުވެރި ކުރުވުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، އެސެޓް ރިކަވަރީ އަދި "ކުރޮސް ބޯޑަރ އެންފޯސްމެންޓް" ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ އެއްބާރުލުން ވަރުގަދަކުރުމާއި، ހާމަކަން ބޮޑުކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ބޭނުންކުރުން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ މަޝްރޫޢުތަކުގައި ޕްރޮކިއުމަންޓް އުޞޫލުތަކާ ގުޅުންހުރި ކަންކަމުގައި ނަޒާހާތްތެރިކަން އިތުރުކުރުން އަދި އިންސާފުވެރި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބިން ބެލެހެއްޓުމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރަން އެއްބާރުލުންދިނުން ހިމެނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމާއި، އެންޓި-ކޮރަޕްޝަން އޮނިގަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް މޮނިޓަރކޮށް އިވެލުއޭޓްކުރުން އިތުރުކުރުމާއި، "ބެނެފިޝަލް އޯނަރޝިޕް" ދެނެގަތުން ހިމެނޭގޮތަށް، މަޢުލޫމާތު ލިބުމުގެ ފުރުސަތާއި ހާމަކުރުމުގެ ނިޒާމުތައް ހަރުދަނާކުރުން އަދި ވިސްލްބްލޯވަރުން ހިމާޔަތްކުރުމާއެކު، ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއި ރިޕޯޓުކުރުމުގެ ނިޒާމުތައް ހަރުދަނާކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
އޭސީސީން ހާމަކުރާ ގޮތުގައި މި ހަމަތަކުގެ މައިގަނޑު މަޤްޞަދަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ކޮރަޕްޝަންގެ ގޮންޖެހުންތައް ނައްތާލުމާއި، ދެމިގެންދާނެ، ހަމަހަމަ އުޞޫލުތަކެއް ޤާއިމުކުރުމެވެ.
އޭސީސީން ބުނީ މި މަބްދައުތައް އޯއައިސީއަށް ހުށަހެޅުމަށް އެ ކޮމިޝަނާއި ނަޒާހާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން