މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) އަށް ޗީފް ފައިނޭންޝަލް އޮފިސަރ (ސީއީއޯ) އަކު ހޯދަން އިޢުލާންކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ 5-10 އަހަރުގެ މުއްދަތަށް ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މި މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ.
އެ ވުޒާރާއިން ކުރި އިޢުލާނުގައިވާ ގޮތުން ސީއީއޯ ކަމަށް ކުރިމަތިލާ ފަރާތަކީ މަޤާމާ ގުޅުންހުރި ދާއިރާތަކުން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާއެކު، ޤާނޫނީ، އިކޮނޮމިކްސް، އެކައުންޓިންގ ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި އެ ފަރާތަކީ މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންވާނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް މަހަކު 57،000ރ. ލިބޭނެއެވެ. އަދި މިފްސާގެ ސީއީއޯ ރިޕޯޓުކުރަން ޖެހޭނީ އެ އޮތޯރިޓީ ހިންގާ ބޯޑަށް ކަމަށްވެސް މާލީ ވުޒާރާއިން ބުނެފައިވެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު 1 ޖޫން 2025 ގެ 10:00ގެ ނިޔަލަށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ 13 މާރިޗު 2025 ގައެވެ.
މި ލިޔުން ކިޔާލުމުން