ހުޅުމާލެއަކީ މާލީ މަރުކަޒަކަށް ބަދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަކީ މިވަގުތަށް އެންމެ އެކަށީގެންވާ އަދި އިސްތިރާޖީ ފިޔަވަޅެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
President Dr @MMuizzu’s vision to transform Hulhumalé into a financial capital is both timely and strategic. With the recent launch of the Maldives International Financial Centre (MIFC), I am committed to supporting this transformation by strengthening our financial ecosystem,… https://t.co/DkQoZrlRLR
— Moosa Zameer (@MoosaZameer) May 26, 2025
އެގޮތުން، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ.
އެވާހަކަފުޅަށް އިޝާރާތްކުރައްވައި ކުރެއްވި ޕޯސްޓްގައި ވަޒީރު ޒަމީރު ވިދާޅުވީ މާލީ ވުޒާރާގެ ދަށުން މިމެއި މަސް ތެރޭގައި އިފްތިތާހްކުރެވުނު މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ)އާއެކު ހުޅުމާލެއަކީ މާލީ މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ، މާލީ ނިޒާމު ވަރުގަދަކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުން ހޯދުމަށް މަގުފަހިކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ސިޔާސަތުގެ ސަބަބުން ރާއްޖެއަކީ މި ސަރަހައްދުގެ ވާދަވެރި މާލީ މަރުކަޒަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދީ ކުރިމަގަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
8.8 ބިލިއަން ޑޮލަރުގެ އެމް.އައި.އެފް.ސީ މަޝްރޫޢަކީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމް.އައި.އެފް.ސީ ފަރުމާކޮށްފައިވަނީ ޓެކްސް ލުއިތަކާއި ވިޔަފާރިއަށް ފަހި ޤަވާޢިދުތަކެއްގެ ތެރެއިން މާލީ މުއައްސަސާތަކާއި، ފިންޓެކް ކުންފުނިތަކާއި، ޑިޖިޓަލް ނޯމަޑުންފަދަ ދުނިޔޭގެ އެކި ފަރާތްތައް ޝައުޤުވެރިކުރުވުމަށެވެ. މި މަޝްރޫޢުގައި ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް ވަރަށް ވާދަވެރި މާޙައުލެއް ޤާއިމުކުރެވޭނެއެވެ.
2030 ވަނަ އަހަރަށް މި މާލީ މަރުކަޒު ނިންމުމަށް ހަމަޖެހިފައިވާއިރު، 4 އަހަރުގެ ތެރޭގައި ޤައުމުގެ ޖީޑީޕީއަށް ބޮޑު އަސަރެއް ކުރާނެކަމަށް ލަފާކުރެވެއެވެ. ދުނިޔޭގެ ޝައުޤުވެރިކަން މިހާރުވެސް އިތުރުވަމުންދާއިރު، އެމްއައިއެފްސީ އަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މަޝްރަޙު އަލުން ބައްޓަންކޮށް، ކުރިއަށް އޮތް ޖީލުތަކަށް ވަރުގަދަ އަދި އެކުލެވިގެންވާ މުސްތަޤްބަލެއް ކަށަވަރުކޮށްދޭނެ މަޝްރޫޢެއްގެ ގޮތުގައި ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން