ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙްކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަަކަފުޅުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި، ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތަކަށް ވަނީ ތަޢުރީފްކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެގޮތުން، ނޫއިޤްތިޞާދެއް ކުރިއަރުވައި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަޙައްދުތައް މެނޭޖްކުރުމަކީ ރާއްޖެއިން އަބަދުވެސް އެކަމަކަށް ވަކާލާތުކުރަމުންދާނޭ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިފަދަ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫޢުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީ (އެޗް.ޖީ.އައި.އޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ގްވެން ޔަމަމޯޓޯ-ލާއުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ވެސް ކުރައްވާފައެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހަވާއީގެ ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ މެހުމާނެއްގެ ގޮތުން، މިވަގުތު ހަވާއީއަށް ކުރައްވަމުންގެންދާ ދަތުރުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގްރީން ފައިނޭންސިންގއިން އަދާކުރެވިދާނެ ދައުރަށް އަލިއަޅުއްވާލެއްވިއެވެ. ހަވާއީގެ އެންމެ ފުރަތަމަ ގްރީން ބޭންކުގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދެމުންދާ އެޗް.ޖީ.އައި.އޭއިން ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކާއި އިންކްލޫސިވް ފައިނޭންޝަލް ޓޫލްސް ބޭނުންކޮށްގެން ސައްތަ އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް އީޖާދީ މޮޑެލްއެއް ޤާއިމުކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެންދިޔައީ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާބެހޭގޮތުންނެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްޤީކުރުމުގައި ކުރިމަތިވާ އާންމު ހުރަސްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުގެނައުމަށް ހަވާއީއިން ކުރަމުން ގެންދާ ކާމިޔާބު ދަތުރަށް، ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި މި ތަޖުރިބާތަކަކީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ރަށްތައް އުފެދިފައިވާގޮތުން ދިމާވާ މައްސަލަތަކާ ކުރިމަތިލުމުގައާއި ތެލަށް ބަރޯސާވުން މަދުކުރުމަށް ބޭނުންތެރި އިރުޝާދުތަކެއް ފޯރުކޮށްދޭނެ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިސް ޔަމަމޯޓޯ-ލާއު ވަނީ، ހަވާއީގެ މުހިންމު ސާފު ހަކަތައިގެ ލަނޑުދަނޑިތަކާބެހޭ ތަފްޞީލީ މަޢުލޫމާތާއި އެޗް.ޖީ.އައި.އޭގެ އީޖާދީ އަދި ހަމަހަމަ ފައިނޭންސިންގ ނިޒާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވައިފައެވެ. މީގެ ތެރޭގައި "އޮން-ބިލް ފައިނޭންސިންގ" ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް ހިމެނެއެވެ. މި ޕްރޮގްރާމަކީ، އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް، ޔުޓިލިޓީ ބިލްތައް މެދުވެރިކޮށް އަނބުރާ ދެއްކުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިދޭގޮތަށް ހިންގާ ޕްރޮގާރާމެކެވެ. މީގެސަބަބުން ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއި އަމިއްލަ ސެކްޓަރގެ އިންވެސްޓްމަންޓްތަކާ ދެމެދު ހުންނަ މާލީ ފަރަގުތައް ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފަދަ އުސޫލުތަކަކީ، ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ފުޅާކުރުމަށް ވަރަށް މުހިންމު ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު މިހާރު ވަނީ ހަވާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން