ޓެކްސް-ނޫން އާމްދަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ 36.6 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ އިދާރާގެ ތާފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި 08 މެއި 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި މިއަހަރުގެ ތެރޭގައި ބަލައިގަނެފައިވާ އާމްދަނީއާއެކު، ޓެކްސް-ނޫން އާމްދަނީ ވެސް ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ 36.6 އިންސައްތަ އިތުރުވެފައެވެ.
"ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އާމްދަނީގެ 78.0 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ޙިއްސާކުރާއިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި، ކޯޕަރޭޓް އިންކަމް ޓެކުހާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ.
ގްރީން ޓެކްސްގެ ގޮތުގައި 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 429.6 މިލިއަން ރުފިޔާއެވެ. ނަމަވެސް 2025 ވަނަ އަހަރު އެ މުއްދަތުގައި 761.1 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއަރޕޯޓް ޑިޕާޗަރ ޓެކްސްއަށް ބަލާއިރު 2024 ވަނަ އަހަރުގެ އެމުއްދަތުގެ ތެރޭގައި 412.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2025 ވަނަ އަހަރު 610 މިލިއަން ރުފިޔާ އެއަރޕޯޓް ޑިޕާޗަރ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ.
އާންމު ފަރުދުންގެ ސިއްޙީ އަދި އިޖުތިމާޢީ ލާބައަށްޓަކައި ނިމިގެންދިޔަ އަހަރު ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާއެކު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށްވި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތަށާއި، ޖުމުލަކޮށް މުޅި އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުމާއެކީ އެހެނިހެން ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ މިވަނީ އިތުރުވެފައެވެ.
އެގޮތުން ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު:
• މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ 6.8 އިންސައްތައިން އިތުރު
• ކޯޕަރޭޓް އިންކަމް ޓެކުހުގެ އާމްދަނީ ވަނީ 4.6 އިންސައްތައިން އިތުރު
08 މެއި 2025 ގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދުގެ 25.0 އިންސައްތަ ވަނީ ހޭދަވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތަ ދަށް އަދަދެކެވެ.
ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހިނގާފައިވާ ޖުމުލަ ޚަރަދުގެ 91.7 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު މި މުއްދަތުގެ ތެރޭގައި 7.9 އިންސައްތައިން އިތުރުވެފައިވީ ނަމަވެސް، ދައުލަތުގެ ހިންގުމުގެ ޚަރަދު އެފިޝަންޓްކުރުމަށް މިއަހަރުގެ ތެރޭގައި ކުރެވެމުންދާ މަސައްކަތްތަކާއެކު، ޖުމުލަ ރިކަރަންޓް ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.2 އިންސައްތައިން ދަށްކުރެވި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކީ، ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ވަނީ 21.3 އިންސައްތައިން ދަށްވެފައެވެ.
ހަމައެހެންމެ، މިއަހަރުގެ ތެރޭގައި ކެޕިޓަލް ޚަރަދާ ގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ނިމިގެންދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ބޮޑެތި އުމްރާނީ މަޝްރޫޢުތަކަށް ހިނގާފައިވާ ފޮރިން ޑިސްބަރސްމަންޓްތައް އިތުރުވެފައިވުމުގެ ސަބަބުން، ޖުމުލަ ކެޕިޓަލް ޚަރަދު ވަނީ، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 73.2 އިންސައްތައިން ދަށްކުރެވިފައެވެ.
މި ލިޔުން ކިޔާލުމުން