ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ދިވެހިރާއްޖެ ބައިވެރިވެ، އެފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި، ޚާއްޞަ މެހެމާނެއްގެގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މި ޕްރޮގްރާމްގެ ހަވާސާގައި ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދަވާ 4 ވަނަ ފަހަރެވެ.
Vice President Uz @HucenSembe departs on an official visit to Hawaii, USA, following a special invitation from the Blue Planet Alliance. During the visit, the Maldives is set to join the alliance. The Vice President will deliver remarks at the Blue Planet Alliance Fellowship… pic.twitter.com/SrNOoUcdqd
— The President's Office (@presidencymv) May 15, 2025
ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށާއި، އެކަމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތް ބިނާކުރުމާއި، އައު ޓެކްނޯލޮޖީތައް ތައާރަފްކޮށް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މާލީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކަރަންޓަށް ބޭނުންވާ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ އަމާޒެއް ކަނޑައަޅުއްވާފައެވެ. މިގޮތުން، މި އުއްމީދީ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި، މި މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫޢުތައްވެސް މިހާރުވެސް ދަނީ ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 68 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކޮށްފައިވާއިރު، މިފަދަ އިތުރު މަޝްރޫޢޫތައްވެސް ދަނީ ކުރިއަށެވެ.
މި ލިޔުން ކިޔާލުމުން