މާލޭގެ އިމާރާތަކުން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވީ، މިނިސްޓަރ ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ހޯދަން ނުޖެހޭނެ ވާހަކަ ދަންނަވަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އަމީން މަގާމުން ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާއިރު، އެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަވާބުދާރީވެ ވަޑައިގަންނަވަމުން، އަމީން ވަނީ އެ ދުވަހު ޝުޖާއުއަށް ގުޅުއްވި ސަބަބު ސާފުކޮށް ދެއްވާފައެވެ.
އަމީން ވިދާޅުވީ، މއ. މާންދޫގޭ ދެކުނުގެ އޭނާ އާއެކު ހިއްސާކުރާ އާއިލާގެ އަނެއް ތިން މެމްބަރުންނާ މަޝްވަރާކުރުމަށްފަހު، ޝުޖާއުއަށް ގުޅުއްވީ، ފުލުހުންގެ ތަހުގީގަށް ފަސޭހަކުރުމަށްޓަކައި ކޯޓު އަމުރެއް ފުލުހުން ހޯދަން ނުޖެހޭނެ ކަން ދަންނަވަން ކަމަށެވެ.
ނަމަވެސް، އެ ދުވަހު ޝުޖާއު ފޯނަށް ޖަވާބު ދެއްވާފައިނުވާ ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން, އަލްފާޟިލް މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ pic.twitter.com/vokj9fuCMt
— People's Majlis (@mvpeoplesmajlis) May 15, 2025
އެމްޑީޕީން ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލާގައިވާ ގޮތުން، އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަން ވަނީ ފާހަގަކޮށްފަ އެވެ.
އެމައްސަލައާއި ގުޅިގެން އެމްޑީޕީން މިނިސްޓަރ އަމީން އަށް ކުރެއްވި ތުހުމަތުތަކަށް ވަކިވަކިން ޖަވާބު ދެއްވަމުން، މިނިސްޓަރ މިއަދު ވިދާޅުވީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވުނަސް އެ ފަދަ އެއްވެސް ނިންމުމެއް ތަހުގީގީ އިދާރާއަކުން ނިންމާފައިނުވާކަމަށެވެ.
އެ ގެއަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ އިތުރު ތިން ބޭފުޅުންގެ ގެއެއް ކަމަށާއި އެ ގޭގައި ކުށެއް ކުރިޔަސް އެ ކަމުގެ ޒިންމާ ވަކި މަގާމެއްގައި ހުންނެވުމުގެ ސަބަބުން އޭނާ ނަގަން ނުޖެހޭނެކަމަށް އަމީން ވިދާޅުވި އެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހިންގާ އިދާރާއެއް ނޫން. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ޖަވާބުދާރީވާ ތަނެއް ވެސް ނޫން،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އެމްޑީޕީ މެމްބަރުން މނިސްޓަރ އަށް ކުރައްވާ ތުހުމަތުތަކަށް ބާރު ލިބޭ ހެއްކެއް ހުރި ނަމަ، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އަމީން މިއަދު ވަނީ އެދިވަޑަގެންފައެވެ.
މި ހާދިސާއަށް ހަ ދުވަސްވީ ފަހުން ފުލުހުން ވަނީ ރައުދު ހައްޔަރުކޮށްފައެވެ. އޭނާ ވަނީ މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވްވެފައެވެ. ރައުދުގެ ބަންދު ހަތަރުވަނަ ފަހަރަށް އިތުރުކޮށް، މިއަަދު ވަނީ އިތުރު 20 ދުވަސް އޭނާގެ ބަންދަށް ޖަހައިފައެވެ.
މި ލިޔުން ކިޔާލުމުން