ކޮމިޓީއަށް ހާޒިރުވެ، ޖަވާބުދާރީ ވުމުގެ ފުރުސަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރަށް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.
މި މައްސަލައިގައި އަޒްމިރަލްދާ އާއި މަހާޒް އެދިވަޑައިގެންފައި ވަނީ، އެ ބޭފުޅުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ބޭފުޅުންގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ.
އެކަމާ ގުޅިގެން މިއަދު ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ޖޭއެސްސީން ހުށަހެޅި ރިޕޯޓާއި އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ އެއްކޮށް ބެލުމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުޙައްމަދެވެ.
ކޮމިޓީއަށް ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ މެދު ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެކަންޏެވެ.
މީގެއިތުރުން ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ހުރި އިޖުރާއީ މައްސަލަތައް ފާހަގަކުރަން ވެސް މައުރޫފް ހުށަހެޅުއްވި އެވެ. ނަމަވެސް، އެކަމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ހުރި މަސައްކަތްތައް ދިރާސާކުރުން pic.twitter.com/DX7XbE7EbB
— People's Majlis (@mvpeoplesmajlis) May 10, 2025
އޭގެފަހުން ކޮމިޓީ 15 މިނެޓަށް މެދުކަނޑާލުމަށް ފަހު، މެންބަރު ޝާހިދު އަނެއްކާވެސް އިތުރު ހުށަހެޅުއްވުމަކާ އެކު ވަޑައިގެންނެވި އެވެ. އޭނާ ހުށަހެޅުއްވީ މިއަދަށް ކޮމިޓީގެ ބައްދަލުވުން ނިންމާލުމަށެވެ. އެގޮތަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން ވޯޓު ދެއްވި އެވެ.
އެހެންވެ، މެންބަރު ޝާހިދު ފުރަތަމަ ހުށަހެޅުއްވި ހުށަހެޅުމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމާ މެދު ބަހުސެއް ނުކުރެ އެވެ.
މި ލިޔުން ކިޔާލުމުން