ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ދެ ޤައުމުގެ ގުޅުން ގޯސްވެ ޙާލަތު ނާޒުކުވެފައިވާތީ ދިވެހި ޚާރިޖިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ވުޒާރާ އިން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ގެންދަނީ ކުރަމުން ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު މިހާރަށް ވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.
ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ހަވާލާދީ ޚާރިޖިއްޔާ އިން ބުނެ އެވެ.
މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއްދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރެއެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ އެ ވުޒާރާގެ ހޮޓްލައިނަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.
އިންޑިއާއާ ޕާކިސްތާނުގެ މެދުގައި ވަނީ ބޮޑު އަރައިރުމަކާއި ދެކޮޅުވެރިކަމެއް އުފެދިފަ އެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ. އިންޑިއާ އިން ތުހުމަތު ކުރާ ގޮތުގައި އެ ހަަމަލާގެ އަޑީގައި އޮތީ ޕާކިސްތާނެވެ. ހަނގުރާމަވެރި ޖަމާޢަތްތަކަށް ޕާކިސްތާނުން ދަނީ ފަންޑު ކުރަމުންނެވެ.
އެ ތުހުމަތުކޮށް އިންޑިއާ އިން ވަނީ ޕާކިސްތާނަށް ހަމަލާ ދީފަ އެވެ. ރައްދުގައި ޕާކިސްތާނުން ވެސް ވަނީ ހަމަލާ ދީފަ އެވެ.
މި ލިޔުން ކިޔާލުމުން