ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ ސިފައިންގެ ތެރެއިން 74 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށާއި އެ މީހުން ހަރަކާތްތެރިވީ ހަތިޔާރަކާއި ނުލާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޭރު ހަރަކާތްތެރިވި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާ ކަމަށެވެ.
ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށް މިނިސްޓަރ މިއަދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫ ގައި ތިބި 25 ސިފައިން، ލ . ކައްދޫގައި ތިބި 25 ސިފައިން އަދި ސ. ގަމުގައި ތިބި 24 ސިފައިންނެވެ.
ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން ދެ ގައުމުން ވީ އެއްބަސްވުމުގެ ދަށުން ލ. ކައްދޫ އާއި ސ. ގަމަށް ގެންދިޔަ މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު ފެބުރުއަރީ މަހުގެ ނިޔަލަަށް ވަނީ ހަމަވެފަ އެވެ. އަދި ހދ. ހަނިމާދޫގައި ތިބި މަދަނީ މީހުންގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހަށެވެ.
މި މުއްދަތުތައް ހާމަކުރައްވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތުން އެ މުއްދަތުތައް ބަދަލުނުކުރާހާ ހިނދަކު، މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު އޮންނާނީ އެގޮތަށެވެ.
ނަމަވެސް މިނިސްޓަރު ޣައްސާން މިއަދު ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ހަމަވި ކަމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިނުވާ ކަމަށާއި އެކަން ކުރިއަށް ދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.
ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއެކު އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓުތައް ރާއްޖޭގައި ދުއްވި އިންޑިއާގެ އެ ސިފައިންގެ ފުރުވާލީ މިދިޔަ އަހަރެވެ.
މި ލިޔުން ކިޔާލުމުން